ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ލަނޑެއް ނުޖެހި 0-0 އިން ސެވިއްޔާއާ އެއްވަރުވެއްޖެއެވެ.
ރޭގެ މެޗުގައި ގޯލްކީޕަރު އެޑޮއާޑް މެންޑީ އަށް ކުޅުނެވެ. އަނިޔާގެ ސަބަބުން ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު 3-3 އިން ސައުތެމްޓަނާ އެއްވަރުވި މެޗުގައި މެންޑީ އަށް ނުކުޅެވެ އެވެ. ރޭގެ މެޗުގައި މެންޑީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް މެޗުގައި ސެވިއްޔާ އިން ގޯލެއް ޖަހަން ތަނަވަސްކުރި އެންމެ ރަނގަޅު ފުރުސަތު ހުއްޓުވީ މެންޑީ އެވެ.
ޗެލްސީ އަށް ގޯލެއް ޖަހައިދޭން ބެން ޗިލްވެލް އާއި ކާޓް ޒޫމާ އަދި ޓީމޯ ވާނާ އަށް ލިބުނު ފުރުސަތުތައް ގޯލަކަށް ހަދައިނުލެވުނީ ސެވިއްޔާގެ ގޯލުގައި ހުރި މޮރޮކޯ ކީޕަރު ޔާސިން ބޯނޯ ދެއްކި މޮޅުކުޅުމުންނެވެ.
އެންމެފަހުން މި މުބާރާތުގައި ޗެލްސީގެ އަމިއްލަދަނޑުގައި ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗު ވަނީ އެއްވަރުވެފައެވެ. އެންމެފަހުން ސެވިއްޔާ ކުޅުނު ފަސްފަހަރު ވެސް މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެފައެއްނުވެއެވެ.
މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ފްރާންސްގެ ރެނެސް ވަނީ ރަޝިއާގެ ކްރަސްނޯޑާއާ 1-1 އިން އެއްވަރުވެފަ އެވެ.