އިޖުތިމާޢީ ކޮމިޓީގެ މުގައްރިރްކަމުން އީސަ ވަކިކުރުމުގެ މަސައްކަތް ފަށައިފި

އިޖުތިމާޢީ ކޮމިޓީގެ މުގައްރިރްކަމުން އީސަ ވަކިކުރުމުގެ މަސައްކަތް ފަށައިފި

Author
ހުސެއިން
20 މެއި 2021 10:45
0

ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ފަށައި އަދި އޭގެ އިތުރުން އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށާއިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. “ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.

ނަމަވެސް އެނގިފައިވާގޮތުގައި މެންބަރު އީސަ އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާއިރު، އެވަގުތު އެދެމަފިރިންގެ ދަރިފުޅުވެސް ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އަނިޔާއާއި ގުޅިގެން އަނބިކަނބަލުން ޑޮކްޓަރަށްވެސް ދައްކާފައިވެއެވެ. އާއިލާ ބޭފުޅަކު މަޢުލޫމާތު ދިންގޮތުގައި އަނިޔާކުރި ކަމުގެ ޑޮކްޓަރުގެ ލިއުންތައްވެސް މިހާރު ވަނީ ލިބިފައެވެ.

އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު، އަސޫ ނަސީމް އާއެވެ. އަދި މިމައްސަލަ ސާބިތުވެއްޖެނަމަ އީސަގެ މެންބަރުކަމުގެ ގޮނޑި ގެއްލުމުގެ ފުރުސަތުވެސް އެބައޮތެވެ.

މި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑިޕިއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، އީސަގެ މައްސަލައަކީ މަޖިލިސް މެމްބަރަކާއި ގުޅުން ހުރި މައްސަލައަކަށްވާތީ، އެކަން ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އަންގަވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން މެމްބަރު އީސަ ވަކި ކުރުމަށް ކޮމެޓީގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސޮއި ކުރައްވައި މިހަރުވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުކަމުން މެމްބަރުން ވަކިކުރެވޭނީ ކޮމިޓީތަކުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އެކަމަށް އަގުލަބިއްޔަތުން ތާއީދު ކޮށްފި ނަމައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.