ށ. އަތޮޅުގެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މީހެއްގެ މައްޗަށް، އޭނާގެ އަމިއްލަ ބައްޕަގެ ހެކިބަހާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ރަށު މެޖިސްޓްރޭޓް ކޯޓުން އޭނާ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އޭނާގެ ކޮޓަރިން ނުވަ ގްރާމްގެ ޑައިމޯފިން (ހަކުރު) ފެނިފައިވެއެވެ.
މި މައްސަލައިގައި ފުލުހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ކުށްވެރިޔާގެ ބައްޕައެވެ. ފުލުހުން އެ ގެއަށް ވަދެ ބަލައި ފާސްކޮށްފައިވަނީ ބައްޕަގެ އެހީތެރިކަމާއެކުގައެވެ. އަދި ދައުލަތުގެ މުހިންމު ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުވެ، މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ އޭނާގެ ދަރިފުޅު ދިރިއުޅޭ ތަންކަން ބައްޕަ ވަނީ ޝަރީއަތުގައި ކަށަވަރުކޮށްދީފައެވެ.
ބައްޕަގެ އިތުރުން މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި ތުހުމަތުވި މީހާގެ އަންހެން ކޮއްކޮއާއި، ޅިޔަނުގެ އިތުރުން ފަހަރިއެއްވެސް ވަނީ ހެކިބަސް ދީފައެވެ. އަދި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ މި މީހާ ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ކޯޓުގައި އަމިއްލައަށް އިއުތިރާފުވެސް ވެފައެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އުމުރު ދުވަހުގެ ހުކުމެއް އައި ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ މުއާމަލާތްކުރުމުގެ އިތުރު ދައުވާތަކެއްވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެ މައްސަލަތަކުގެ ޝަރީއަތްތައް އުލިގަމު ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ