މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި މި ޚާއްޞަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. މޫންލައިޓްވިޔު، މުޙައްމަދު ޢުމައިރު އާއި ލ. ދަނބިދޫ، ގުލްއަލާގެ، މާޝާ އިބްރާހީމްއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރުމުގެ ތުހުމަތުގައި މި ދެމީހުން އަތުލައިގަތްއިރު، އެމީހުން ތިބި އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ އިތުރުން މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ