ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރު ނުކުޅެ، ލީގު ނިންމާލަން ޖެހިދާނެކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
މިހާރު މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރަށް ބަލާއިރު ލީގު އިތުރަށް ކުރިޔަށް ގެންގޮސް ސީޒަން ނިންމާލުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ލީގުގެ ދެ ބުރު ކުޅެފައިވުމާއެކު، ތިންވަނަ ބުރު ނުކުޅެ މި ހިސާބުން ލީގު ނިންމާލުމުގެ އަމިއްލަފުޅު ވިސްނުމެއް އޭނާ ގެންގުޅުއްވާކަމަށެވެ. އެކަން ފައިނަލް ކުރާނީ ޓެކްނިކަލް މީހުންނާއި، ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހު، އެފްއޭއެމުގެ އެކްސްކޯއިން ކަމަށެވެ.
އެ ހިސާބުން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށާއި، ކަޕް މުބާރާތެއް ބާއްވަން ޖެހެނީ އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޖާގަ ލިބޭނީ ކަޕް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ކަމަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ސީޒަން އިތުރަށް ކުރިޔަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރެވެނީ، ސަރުކާރާއި އެޗްޕީއާއެކު މަޝްވަރާ ކުރުމަށް ފަހުކަމަށެވެ. ސަބަބަކީ ލީގު ފެށުމަށްފަހު މެދުކަނޑާލުމަކީ ބޭނުންވާ ގޮތް ނޫން ކަމަށާއި، ބްރޭކްތައް ގިނަވާނަމަ ކްލަބްތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ވާނެކަމަށެވެ.
މިފަހަރުގެ ލީގުގެ ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލައިފިނަމަ ޗެމްޕިއަންކަން ލިބޭނީ މާޒިޔާއަށެވެ. މާޒިޔާ އެއްވަނައިގައި މިވަގުތު އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާއެކުއެވެ. މާޒިޔާއަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
ކޯވިޑް-19 ގެ ސަަބަބުން މިދިޔަ އަހަރުގެ ސީޒަންވެސް ވަނީ ވަކި ހިސާބަކުން މެދުކަނޑާލާފައެވެ. ސީޒަން މެދު ކަނޑާލިއިރު އެފްއޭ ކަޕުގެ އެއްބައި އޮތީ ކުޅެފައެވެ.
ކޮމެންޓު ފޮނުވާ