ގާޒާ އަލުން އާރާސްތު ކުރުމަށް މިސްރުން 500 މިލިއަން ޑޮލަރު ޚަރަދު ކުރަނީ

ގާޒާ އަލުން އާރާސްތު ކުރުމަށް މިސްރުން 500 މިލިއަން ޑޮލަރު ޚަރަދު ކުރަނީ

Author
ހުސެއިން
18 މެއި 2021 07:01
0

އިސްރާއީލު ވައިގެ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ ގާޒާ ސްޓްރިޕްޓް އަލުން ބިނާކޮށް އާރާސްތު ކުރުމަށް މިސްރުން 500 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖައްސާފައި ވާކަން މިސްރުގެ ރައީސް ސީސީ އަންގާރަ ދުވަހު ހާމަ ކުރައްވައިފިއެވެ.

މިސްރުގެ މި ނިންމުން އެގައުމުގެ ރައީސް އަބުދުލް ފައްތާހު އައްސީސީ ހާމަ ކުރައްވާފައިވަނީ، ފްރާންސްގެ ރައީސް އެމަނުލް މެކްރޮންއާއި އަދި އަދި އުރުދުންގެ ރަސްގެފާނު ކިންގް އަބުދުﷲއާއި ބައްދަލު ކުރެއްވުމަށް ފަހުއެވެ. އަލް ސީސީ ވިދާޅުވި ގޮތުގައި ގާޒާ ސްޓްރިޕްޓް އަލުން އާރާސްތު ކުރުމުގެ މަސައްކަތުގައި މިސްރުގެ ބޮޑެތި ކުންފުނިތަކުންވެސް ބައިވެރި ވާނެއެވެ.

މީގެ 2 ހަފްތާކުރުން ފަސްތީނާއި އިސްރާއީލާއި ދެމެދު އުފެދުނު ހަމަނުޖެހުންތަކުގައި، އިސްރާއީލުން ދަނީ މެދު ނުކެޑި ގާޒާއަށް ބޮން އަޅާ، ގާޒާގެ ބޮޑެތި އިމާރާތްތައް ފުނޑުފުނޑުކޮށް ބިމާއި ހަމަކުރަމުންނެވެ. އަދި މީގެ ތެރޭގައި ގާޒާގައި ހުރި އެންމެ އުސް އިމާރާތްތައްވެސް ހިމެނެއެވެ. މިހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެއެވެ.

އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުންވެސް ދަނީ، އިސްރާއީލުގެ އަވަށްތަކަށް ރޮކެޓް ހަމަލާ ދެމުންނެވެ. މިހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 10 މީހަކުވަނީ މަރުވެފައެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމުދު ހިގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްގައުމަކީވެސް މިސްރެވެ. މިގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓުމަކަށް ގެނެސް، ސުލްހައި އެއްބަސްވުމެއް ގާއިމް ކުރުމަށް މިސްރުގެ އޮފިޝަލުންގެ ޓީމަކުން މިހާރުވެސް ގެންދަނީ ހަމާސް ޖަމާއަތާއި އިސްރާއީލުގެ ސަރުކާރާ ދެމުން މަޝްވަރާތައް ކުރިންޔަށް ގެންދަމުންނެވެ.

އަރަބި ގައުމުތަކުގެ ތެރެއިން މިސްރަކީ އެންމެ ފުރަތަމަ އިސްރާއީލާއެކީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި ގައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.