ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މުބާރާތުގެ އެންމެފަހުގެ ރަނަރަޕް ޕީއެސްޖީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި މާޝިއަލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭޒްއެވެ. މިއީ ފެނާންޑޭޒް އެންމެފަހުން ޖެހި 12 ޕެނެލްޓީގެ ތެރެއިން ކާމިޔާބުކުރި 11ވަނަ ޕެނެލްޓީއެވެ.
ފެނާންޑޭޒް ފުރަތަމަ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރ ކޭލާ ނަވާސް ދިފާއުކުރި ނަމަވެސް ބްރޫނޯ ފެނާންޑޭސް ބޯޅަ ކުރިޔަށް ފޮނުވާލުމުގެ ކުރިން ނަވާސް ގޯލް ލައިނަށްވުރެއް ކުރިޔަށް ނުކުތްކަމަށް ލައިންސްމަން ބުނުމުން ރެފްރީ ވަނީ ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމަށް ޔުނައިޓެޑަށް ފުރުޞަތުދީފައެވެ.
މެޗުގައި ޕީއެސްޖީން ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަކެއް ވަނީ ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން 54 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަވި ލަނޑަކީ ޕީއެސްޖީއަށް ލިބުނު ކޯނަރެއް ނޭމާ ނަގައިދިނުމުން މާޝިއަލްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެއެވެ.
މި މެޗުން ޔުނައިޓެޑު މޮޅުކޮށްދިން ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރަޝްފޯޑެއެވެ. މިއީ މުބާރާތުގައި ރަށުން ބޭރުގައި އޭނާ ކާމިޔާބު ކުރި ތިންވަނަ ލަނޑެވެ.
މިއީ މި މުބާރާތުގައި 25 މެޗަށްފަހު ޕީއެސްޖީން ގުރޫޕްސްޓޭޖުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެންމެފަހުން ގުރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ބަލިވީ 2004 ވަނައަހަރު ރަޝިޔާގެ ސީއެސްކޭ މޮސްކޯ އަތުން 3-1 ލަނޑުންނެވެ.