ރައީސް ނަޝީދަށް ދިން ހަމަލާ ރޭވި މީހުން ނުހޯދޭހާހިނދަކު ޤައުމަށް އަމާންކަމެއް ނާންނާނެ: އީވާ

ރައީސް ނަޝީދަށް ދިން ހަމަލާ ރޭވި މީހުން ނުހޯދޭހާހިނދަކު ޤައުމަށް އަމާންކަމެއް ނާންނާނެ: އީވާ

Author
މުޙައްމަދު ޖިމީ
18 މެއި 2021 03:15
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރޭވުމަށާއި، އެ ހަމަލާ ދިނުމަށް ފަނޑުކުރި މީހުން ނުހޯދޭނަމަ ޤައުމަށް އަމާންކަމެއް ނާންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަށް 12 ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަމުގެ އަޑީގައި ތިބި މީހުން ހޯދިފައިނުވާކަމަށާއި، ފަންޑުކުރި މީހުންވެސް ނުހޯދުނުކަމަށް ބުނެ މަޖިލީހުގެ ބައެއް މެންބަރުން ފާޑުވިދާޅުވުމާއި ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާ ރޭވި މީހުންނާ، ފަންޑުކުރި މީހުންނާ ނުހޯދޭ ކަމަށްވާނަމަ އިންސާފެއްވެސް ނުލިބޭނެކަމަށެވެ. އަދި ޤައުމަކަށް އަމާންކަމެއްވެސް ނާންނާކަމަށް އީވާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް 6 މެއި ގައި ދިން ޓެރަރިސްޓް ހަމަލާ، އެ ހަމަލާ ރޭވި މީހުންނާ، ފަންޑުކުރި މީހުންނާ ނުހޯދޭ ކަމަށްވަންޔާ އިންސާފެއްވެސް ނުލިބޭނެ. އަދި ޤައުމަކަށް އަމާންކަމެއްވެސް ނާންނާޏެ. މިކަން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރަންޖެހޭހެން.

– މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސީރިއަސްކަމުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާކަމަށް ޑޮކްޓަރުން ހާމަކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލި މީހާވެސް ހިމެނެއެވެ. ނަމަވެސް މި ހަމަލާގެ އަޑީގަިއ ތިބި މީހުން ހޯދިފައި ނުވާތީ މެންބަރުންގެ ކަންބޮޑުވުމާއ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި މިހަމަލާގެ މަޢުލޫމާތު ލިބިހުރެ ފިޔަވަޅު އެޅިފައިނުވާކަމަށް ބުނެ ޑިފެންސް މިނިސްޓަރ މާރިޔާގެ އިސްތިއުފާއަށްވެސް ބައެއް މެންބަރުން ގޮވާލައްވާފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.