ސަވާހިލި އައްޑޫން ވަކިކުރީ ތަރައްޤީއަށް ހުރަސްއެޅުމަށް: އެމްޑީޕީ

ސަވާހިލި އައްޑޫން ވަކިކުރީ ތަރައްޤީއަށް ހުރަސްއެޅުމަށް: އެމްޑީޕީ

Author
އަހުމަދު
24 ޖުލައި 2026 10:14
0

އައްޑޫ ސިޓީގެ ސަވާހިލި ރަށުގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ބީލަމަށްލާފައި ވަނިކޮށް، އެ ރަށް ކައުންސިލްގެ އިޚްތިޞާޞުން ވަކިކުރި މައްސަލަ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށާއި ސިޓީތަކުގެ އިޚްތިޞާޞު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި ވަނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއެކު ބޭނުންކުރުމަށް ކަމަށެވެ. އެހެންނަމަވެސް، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި ސަވާހިލި ވަކިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤާނޫނުގެ މަޤްޞަދާ ޚިލާފަށް، އައްޑޫގެ ތަރައްޤީއަށް ހުރަސްއެޅުމަށް ހިންގާފައިވާ "ހަޑިހުތުރު ޢަމަލެއް" ކަމަށް އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.

ހަމައެއާއެކު، އައްޑޫ ސިޓީ ކައުންސިލުން ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުތަކަށް އަރައިގަތުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރަށެއްގެ ނުވަތަ ސިޓީއެއްގެ އިޚްތިޞާޞަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރަކީ "ހިތުހުރި ގޮތަކަށް ބޭނުންކުރެވޭނެ ބާރެއް ނޫން" ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ސަވާހިލި ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށްލާފައި ވަނީ 50 އަހަރުގެ މުއްދަތަށެވެ. މި މަޝްރޫޢުގެ ދަށުން ބީޗް އޭރިޔާއަކާއި، ވޯޓަރ ސްޕޯޓްސް، މެރިން ރިކްރިއޭޝަން، ސްވިމިންގ ޕޫލް، އަދި އިންޑޯ އައުޓްޑޯ ކުޅިވަރު ފެސިލިޓީތަކާއެކު ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ މި ނިންމުމަކީ އައްޑޫ ރައްޔިތުންގެ ވިސްނުމާ ކަނޑައެޅިގެން ދެކޮޅު ކަމެއް ކަމަށް ފާހަގަކުރަމުން، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިޙްތިރާމުކޮށް، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.