ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވި، ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ދާއިރާތަކުގެ ތެރޭގައި ޒުވާނުންގެ ދާއިރާ ހިމެނޭ ކަމަށެވެ.
"ޒުވާނުންގެ ދާއިރާ އަކީ މި ސަރުކާރުން މައިގަނޑު އިސްކަމެއްދެވޭ ދާއިރާއެއް. ޒުވާނުންނަކީ ގައުމުގެ އިގްތިސޯދު ބިނާކުރުމުގައި ގައުމުގެ އެއް ފަރާތް. މިގޮތުން ޒުވާނުން ބާރުވެރިކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް އެބަ ކުރިއަށް ގެންދަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒުވާނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން ތަފާތު ލޯނު ސްކީމްތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި، އަމިއްލަ މަސައްކަތުން ފައިސާ ހޯދޭނެ މަގުތައް ސަރުކާރުން މިހާރުވެސް ފަހިކޮށްދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ ޒުވާނުންނަށް ޚާއްޞަކޮށްގެން ފުޅާކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށާއި، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޝްރޫޢުތައްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލައި، އެ ސިޔާސަތުތަކުގެ ދަށުން މަސައްކަތްތައް ބައްޓަންކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުތައް ރޭވިފައިވާ ގޮތަށް ކުރިއަށްގޮސް، 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ދާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނެއެވެ. އަދި މިއާއެކު ޒުވާނުންނަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ