ޖަޕާނާއި އިންޑިއާއަކީ ޒަމާނުއްސުރެ ގާތް، ހިތްހެޔޮ ގުޅުމެއް އޮތް ދެ ޤައުމެވެ. ތާރީޚުގައި މި ދެ ޤައުމުގެ ދެމެދު ދުވަހަކުވެސް ހަނގުރާމައެއް ހިނގާފައި ނުވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި، ނެތާޖީ ސުބާސް ޗަންދުރަ ބޯސްގެ ޒަޢާމަތުގެ ދަށުން ތިއްބެވި އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ފައުޖުތައް ޖަޕާނާ އެކުގައި ހަނގުރާމަކުރި އެވެ. (ނަމަވެސް އިނގިރޭސީންގެ ދަށުގައި ވެސް އިންޑިއާގެ ސިފައިން ތިއްބެވެ.)
މިއަދު އިންޑިއާ އާއި ޖަޕާނު ވެފައި ވަނީ އޭޝިއާގެ އެންމެ އިތުބާރު ހިފޭ ދެ ޑިމޮކްރެޓިކް ބައިވެރިންނަށެވެ. ދެ ޤައުމު ގުޅުވަނީ ޙިއްޞާކުރާ އަގުތަކާއި، އެއް ޤައުމު އަނެއް ޤައުމަށް ފުރިހަމަކޮށްދޭ އިޤްތިޞާދީ ބާރާއި، މިނިވަން، ހުޅުވިފައިވާ އަދި ފުދުންތެރި އިންޑޯ-ޕެސިފިކެއްގެ ޚިއްޞާ ވިޜަނެވެ.
ފެށިގެންދިޔައީ އާދައިގެ ބައިލެޓަރަލް ގުޅުމެއްގެ ގޮތުގައި ކަމުގައި ވިޔަސް، މިހާރު މި ގުޅުން ބަދަލުވެފައި ވަނީ "ސްޕެޝަލް ސްޓްރެޓީޖިކް އެންޑް ގްލޯބަލް ޕާޓްނަޝިޕަށެ"ވެ. މި ގުޅުމުން ދަނީ ދުނިޔޭގެ އިޤްތިޞާދީ އަދި ޖިއޯޕޮލިޓިކަލް ނިޒާމަށް ބޮޑެތި އަސަރު ފޯރުވަމުންނެވެ.
ދާދިފަހުން ބޭއްވުނު 16 ވަނަ ޖަޕާން-އިންޑިއާ އަހަރީ ސަމިޓަކީ މި ދަތުރުގައި ފާހަގަކޮށްލެވޭ އިތުރު ތާރީޚީ ހަރުފަތެކެވެ. ސަމިޓް ފެންވަރުގެ ދެ ޤައުމުގެ ބައްދަލުވުންތަކުގެ 20 އަހަރު ފުރުމުގެ އިޙްތިފާލުކުރުމުގެ އިތުރުން، 2027 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުމުގެ 75 ވަނަ އަހަރީ ދުވަހަށް މަގު ފަހިކޮށްދިން މި ސަމިޓުން، ސްޓްރެޓީޖިކް ސްޓެބިލިޓީ، އިޤްތިޞާދީ ދިރިހުރުން، ޓެކްނޮލޮޖީގެ އެއްބާރުލުން އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދެ ޤައުމުގެ ޚިއްޞާ ޢަޒުމު އަނެއްކާ ވެސް އައުކުރެއްވިއެވެ.
ދިފާޢު، އިޤްތިޞާދީ ސަލާމަތް، އާޓިފިޝަލް އިންޓެލިޖެންސް، ހަކަތައިގެ ދެމިހުރުން އަދި އުފެދެމުންދާ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ސޮއިކުރެއްވުނު ގިނަ ގުޅިފައިވާ ޑިކްލަރޭޝަންތަކުން ދޭހަކޮށްދެނީ 21 ވަނަ ޤަރުނަށް ޖަޕާނާއި އިންޑިއާ އަކީ އެއް ޤައުމު އަނެއް ޤައުމަށް ބޭނުންވާ ސްޓްރެޓީޖިކް ޕާޓްނަރުންގެ ގޮތުގައި ދެކޭ ކަމެވެ.
ޗައިނާއަށް ސީދާ އަމާޒުކުރެވުނު ސަމިޓެއް!
16 ވަނަ އިންޑިއާ-ޖަޕާން އަހަރީ ސަމިޓުގެ ނަތީޖާތައް ދައްކުވައިދެނީ، ޖަޕާނާއި އިންޑިއާ ދެމެދު އޮތް ގުޅުން، އާދައިގެ އިޤްތިޞާދީ އެއްބާރުލުމުގެ މަރުޙަލާ ފަހަނައަޅައި، ފުޅާ ސްޓްރެޓީޖިކް ޕާޓްނަޝިޕަކަށް ކުރިއަރާފައި ވާ މިންވަރެވެ.
އިންޑޯ-ޕެސިފިކްގައި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިންޑިއާ-ޖަޕާން ބައިލެޓަރަލް ބްރޭކްތްރޫއިން ޗައިނާއަށް ދޭ ސާފު މެސެޖަކީ، ސަރަޙައްދީ ސްޓޭޓަސް ކޯއަށް އެއްކޮޅު ފަރާތުން ބަދަލު ގެންނަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ގުޅިގެން ދިފާޢުވެވޭނެ ކަމުގެ މެސެޖެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކާއިޗީ، އިރުމަތި އަދި ދެކުނު ޗައިނާ ކަނޑުގައި ސަލާމަތީ ޙާލަތު ދަށަށްދާ ކަމަށް ފާޅުކުރެއްވި ސާފު ބަސްފުޅު ވެގެންދިޔައީ ސަމިޓުގެ އެންމެ މުހިންމު ސްޓްރެޓީޖިކް ނަތީޖާތަކުގެ ތެރެއިން އެއް ނަތީޖާއަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު، ޗައިނާގެ އަނިޔާވެރި ކުރިއަރަމުންދާ ޢަމަލުތަކާމެދު ސީރިއަސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މީގެ ތެރޭގައި، ދެބަސްވެފައިވާ ކަނޑުގެ ސަރަޙައްދުތައް އަސްކަރީގޮތުން ބާރު ބޮޑުކުރުމާއި، ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރު ދެއްކުމުގެ ޒަރީޢާއިން ސްޓޭޓަސް ކޯއަށް ބަދަލު ގެންނަން ކުރާ މަސައްކަތްތައް ހިމެނެއެވެ.
ދެ ލީޑަރުން، ކަނޑުގައާއި ވައިގައި ދަތުރުކުރުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކޮންމެ ޢަމަލަކާ ދެކޮޅު ހެއްދެވި އެވެ. އަދި ކަނޑުގެ ސަރަޙައްދާ ބެހޭ ހުރިހާ މައްސަލައެއް، ބައިނަލްއަޤުވާމީ ޤާނޫނާ، ޚާއްޞަކޮށް އދ.ގެ ކަނޑުތަކާ ބެހޭ ޤާނޫނުގެ މުޢާހަދާ (UNCLOS) އާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްޙަވެރި ގޮތެއްގައި ޙައްލުކުރަން ޖެހޭ ކަން ޔަޤީންކޮށްދެއްވިއެވެ. އަދި ކަނޑުގެ ސަލާމަތާއި، ދިފާޢީ ޓެކްނޮލޮޖީ، އިންޓެލިޖެންސް ޙިއްޞާކުރުމުގައި އެއްބާރުލުން ވަރުގަދަކުރެއްވުމަށް ވަޢުދުވެއްޖެވެ.
މި ޖޮއިންޓް ސްޓޭންޑްތަކުން، އިންޑޯ-ޕެސިފިކްގައި ބާރު ދެއްކުމުގެ ސަޤާފަތާ ދެކޮޅު ޑިޕްލޮމެޓިކް މެސެޖެއް ސާފުކޮށް ދޭ އެވެ. ސަލާމަތުގެ އިތުރުން، ސަމިޓުން ވަނީ އިޤްތިޞާދީ ސަލާމަތުގެ އައު މުހިންމު ފަށަލައެއް ވެސް ތަޢާރަފުކުރައްވާފައެވެ. އިންޑިއާ އާއި ޖަޕާނު، އިޤްތިޞާދީ ބިރު ދެއްކުމާއި، ސަޕްލައި ޗެއިން މެދުކެނޑުމާއި، ސްޓްރެޓީޖިކް މަޢުދަނުން އެކްސްޕޯޓު ހަނިކުރުމުގެ ސިޔާސަތުތަކާ މެދު "ބޮޑު ކަންބޮޑުވުން" ފާޅުކުރައްވާފައި ވެއެވެ.
ސެމިކޮންޑަކްޓަރ، ސްޓްރެޓީޖިކް މަޢުދަން، އޭ.އައި.، ހަކަތައިގެ ދެމިހުރުން އަދި އިތުބާރު ހިފޭ ސަޕްލައި ޗެއިންތަކުގައި އެއްބާރުލުން ފުޅާކުރެއްވުމަށް ދެ ޤައުމުން ނިންމެވި ނިންމުމަކީ، ޗައިނާއަށް އޮތް ބަރޯސާ ކުޑަކޮށް، ސަރަޙައްދީ ފެންވަރުގައި ދިރިހުރެވޭ ވެލިއު ޗެއިންތައް ބިނާކުރުމަށް އެޅި ޤަޞްދީ ފިޔަވަޅެއްކަން ދައްކުވައިދެ އެވެ.
ޖަޕާނުގެ "މިނިވަން އަދި ހުޅުވިފައިވާ އިންޑޯ-ޕެސިފިކް" ވިޜަނާއި، އިންޑިއާގެ "ސަރަޙައްދުތަކުގައި ސަލާމަތާއި ކުރިއެރުމަށް ޓަކައި ދެބައި ފުރިހަމަ ކުރިއެރުން" (MAHASAGAR) އިނިޝިއޭޓިވް ދިމާވުމާއެކު، ކުއަޑް ފަދަ ފޯރަމުތަކުގައި އެއްބާރުލުން ފުޅާވުމާއި، ދިފާޢީ ދާއިރާގައި ގުޅުން ވަރުގަދަވުމަކީ، އިންޑޯ-ޕެސިފިކުގައި މާ ބެލެންސްވި ސްޓްރެޓީޖިކް ނިޒާމެއް އުފެދެމުންދާ ކަމުގެ ފާޅުކަން ބޮޑު އިޝާރާތެކެވެ.
އެހެންކަމުން، މި ސަމިޓަކީ ހަމައެކަނި ބައިލެޓަރަލް ގުޅުމުގެ ފުޅާވުމެއް ނޫނެވެ. ސަރަޙައްދީ ސަލާމަތް ވަރުގަދަކޮށް، ޑިމޮކްރެޓިކް ޕާޓްނަޝިޕްތައް ބާރުވެރިކޮށް، އޭޝިއާ-ޕެސިފިކުގައި ބާރު ދެއްކުމުގެ ޢަމަލުތަކާ ދެކޮޅު ފާޅުކަން ބޮޑު އިންޒާރެއް ދޭ މުހިންމު ޖިއޯޕޮލިޓިކަލް ކުރިއެރުމެކެވެ.
އިޤްތިޞާދީ ސަލާމަތް، އައު މަރުހަލާއަކަށް!
ފާއިތުވި ދިހަ އަހަރު ތެރޭ ޖަޕާނާއި އިންޑިއާގެ ސްޓްރެޓީޖިކް މުހިންމުކަން ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. މި ދެ ޤައުމުގެ އިޤްތިޞާދުގައި، އެއް ޤައުމު އަނެއް ޤައުމަށް ފުރިހަމަކޮށްދިނުމުގެ ބާރު ބޮޑެވެ. އިންޑިއާއަކީ ދުނިޔޭގައި އެންމެ ބާރު ސްޕީޑުގައި ކުރިއަރަމުންދާ ބޮޑު އިޤްތިޞާދެވެ. ޒުވާން މަސައްކަތްތެރި އާބާދީ، ކުރިއަރަމުންދާ މެނުފެކްޗަރިންގ ޤާބިލިއްޔަތާ، ދުނިޔޭގެ އެންމެ ބޮޑު ކޮންޒިއުމަރ މާރކެޓް ތަކުގެ ތެރެއިން އެއް މާރކެޓް، މީގައި ފުރިހަމަ ދައުރެއް އަދާކުރެ އެވެ.
ޖަޕާނުން ފުރިހަމަކޮށްދޭ ބާރުތަކުގެ ތެރޭގައި، ފެންވަރު ރަނގަޅު ޓެކްނޮލޮޖީ، ދުނިޔޭގެ ފެންވަރުގެ މެނުފެކްޗަރިންގ، މާލީ ވަޞީލަތްތައް، އަދި ދިހަ އެއްހާ އަހަރުގެ ޞިނާޢީ ތަޖުރިބާ ހިމެނެ އެވެ. މި ދެ ޤައުމު ގުޅިގެން، ދުނިޔޭގެ ވެލިއު ޗެއިންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގު ފަހި ކުރެވިދާނެ އެވެ.
ދުނިޔެ "ޗައިނާ ޕްލަސް ވަން" ސްޓްރެޓެޖީއަށް ބަދަލުވަމުންދާ ދިޔުމުން، މި ޕާޓްނަޝިޕަށް އިތުރު ބާރު ލިބިފައި ވެ އެވެ. މަލްޓިނޭޝަނަލް ކުންފުނިތައް، ޗައިނާއަށް ބޮޑަށް ބަރޯސާވުމުން މެނުފެކްޗަރިންގ އެހެން ޤައުމުތަކަށް ފުޅާކުރަމުންދާތީ، ޖަޕާނުގެ އިންވެސްޓްމަންޓަށް އިންޑިއާ ވެފައި ވަނީ ޚިޔާރު ކުރެވޭ މުހިންމު މަންޒިލަކަށެވެ.
އެއާ އެކު، އިންފްރާސްޓަކްޗަރ، އިންޑަސްޓްރިއަލް ކޮރިޑޯސް، ޝަހަރީ ދަތުރުފަތުރު، އަދި ޓެކްނޮލޮޖީ ބަދަލުކުރުމުގައި، އިންޑިއާގެ އެންމެ އިތުބާރު ހިފޭ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ޖަޕާނު ދެމިއޮތެވެ. ސެމިކޮންޑަކްޓަރ، ބޭސް، ސްޓްރެޓީޖިކް މަޢުދަން، ޑިޖިޓަލް ޓެކްނޮލޮޖީ، އަދި ކުރިއަރާފައިވާ މެނުފެކްޗަރިންގ ދާއިރާތަކުގައި އެއްބާރުލުން އިޢުލާނުކުރެއްވުމާ އެކު، 100 އަށްވުރެ ގިނަ ވިޔަފާރި އެއްބަސްވުމުގައި ސޮއިކުރެއްވުމުން، ދެ ޤައުމުގެ ދެމެދު އިންވެސްޓަރުންގެ އިތުބާރު އިތުރުވެފައި ވާ ކަން ސާފުވެގެންދިޔައެވެ.
އިޤްތިޞާދީ ސަލާމަތް، މިހާރު ބައިލެޓަރަލް ގުޅުމުގެ މުޅިން މުސްތަޤިއްލު ފަށަލައަކަށް ބަދަލުވެއްޖެ އެވެ. މިހާރު ދިމާވަމުންދާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުން، ޖަމާވެފައިވާ ސަޕްލައި ޗެއިންތަކާއި، މަދު ބައެއް މެނުފެކްޗަރިންގ މަރުކަޒުތަކަށް ބޮޑަށް ބަރޯސާވުމުގެ ބަލިކަށިކަން، ފާޅުވެއްޖެ އެވެ.
އެހެންކަމުން، ސެމިކޮންޑަކްޓަރ، އައި.ޓީ.، ބޭސް، ސާފު ހަކަތަ، އަދި ސްޓްރެޓީޖިކް މަޢުދަން ފަދަ މުހިންމު ދާއިރާތަކުގައި، ދިރިހުރި، ފުޅާވެފައިވާ ސަޕްލައި ޗެއިންތައް ބިނާ ކުރެއްވުމަށް، އިންޑިއާ އާއި ޖަޕާނު ޢަޒުމު ކަނޑައަޅުއްވައިފި އެވެ. މަޢުދަން ހޯދުމާއި، ރީސައިކްލިންގ، ބޭހުގެ އެލްޓަރނޭޓިވް ސަޕްލައި ޗެއިން، އަދި ސަރުކާރު ތަކާއި ޞިނާޢަތުގެ ދެމެދު އޮންނަ އިންސްޓިޓިއުޝަނަލް ގުޅުމުގައި ފެށޭ ޖޮއިންޓް އިނިޝިއޭޓިވް ތަކުން، ބަލިކަށިކަން ކުޑަކުރެއްވުމުގެ އިތުރުން، އިންވެސްޓްމަންޓާއި އިނޮވޭޝަނަށް އައު ފުރުޞަތުތައް ފެންމަތިވާނެ އެވެ.
ހަކަތަ އާއި ޓެކްނޮލޮޖީ ސެންޓަރ ސްޓޭޖުގައި!
ހަކަތައިގެ ސަލާމަތް، އެއްބާރުލުމުގެ އިތުރު މުހިންމު ފަށަލައެއްގެ ގޮތުގައި ފެންމަތިވެއްޖެ އެވެ. އޭޝިއާގައި އެންމެ ގިނަ ހަކަތަ ބޭނުންކުރާ ދެ އިޤްތިޞާދު ކަމުގައި، ޖަޕާނާއި އިންޑިއާއަށް ޔަޤީންވެއެވެ، އިޤްތިޞާދީ ކުރިއެރުމަށް ޓަކާ، ހަކަތައިގެ ދެމިހުރުމަކީ މުހިންމު ބާރެއް ކަން. ސަމިޓުގައި އިޢުލާނު ކުރެއްވުނީ، ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް، ކަނޑުމަގުން ހަކަތަ އުފުލުން، ހަކަތަ ބާޒާރުގެ މަޢުލޫމާތު، އަދި އިންސްޓިޓިއުޝަނަލް ގުޅުން ފުޅާކުރުމުގެ ފުޅާ ރޯޑްމެޕެކެވެ.
ޖަޕާނުން، ބައިނަލްއަޤުވާމީ ހަކަތަ އެޖެންސީ (IEA)ގެ މެންބަރުކަމަށް އިންޑިއާ ވަނުމަށް ދޭ ތާއީދު އަނެއްކާ ވެސް ޔަޤީންކޮށްދިނެވެ. އަދި ދެ ޤައުމުން ޤަބޫލުކުރެއްވީ، ގްރީން ހައިޑްރޯޖަން، ސާފު އެމޯނިއާ، ސޯލާ ޕަވަރ، ބެޓަރީ ޓެކްނޮލޮޖީ، އަދި ބައޯގޭސް ތަރައްޤީގައި، ޚިއްޞާވެގެން މަސައްކަތްކޮށް، ސާފު ހަކަތައިގެ ބަދަލުވުން ކުރިއަށް ޖެއްސުމަށެވެ.
ޓެކްނޮލޮޖީ އާއި އިނޮވޭޝަން، މި ޕާޓްނަޝިޕުގެ ފާހަގަކޮށްލެވޭ ސިފައަކަށް ބާރު މިނުގައި ބަދަލުވަމުންދެ އެވެ. އާޓިފިޝަލް އިންޓެލިޖެންސާ ބެހޭ ޖޮއިންޓް ސްޓޭޓްމަންޓުން، އިންޑިއާ އާއި ޖަޕާނު، އޭ.އައި.، ސައިބަރ ސެކިއުރިޓީ، ކޮމްޕިއުޓިންގ އިންފްރާސްޓަކްޗަރ އަދި ޑިޖިޓަލް ގަވަރނަންސްގައި ސްޓްރެޓީޖިކް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޕާޓްނަރުންގެ ގޮތުގައި ޤާއިމުކުރެއެވެ. ރިސާޗް އިންސްޓިޓިއުޝަނުތަކާއި ޓެކްނޮލޮޖީ ކުންފުނިތަކުގެ ދެމެދު ދެވޭ އެއްބާރުލުމުން، ބޮޑެތި ބަހުރުވަ މޮޑެލް (LLM) ތަކާއި، ކުރިއަރާފައިވާ ކޮމްޕިއުޓިންގ، އަދި ޒިންމާދާރު އޭ.އައި. ބޭނުންކުރުމުގައި އިނޮވޭޝަން ބާރު އިތުރުވާނެ އެވެ.
ޖަޕާނުގެ އަމާޒަކީ، ފެންވަރު މަތި ޤާބިލު އިންޑިއާގެ އޭ.އައި. ޕްރޮފެޝަނަލުން، މިހާރަށްވުރެ ގިނައިން މަރުޙަބާ ކިޔުމެވެ. މިކަން ދައްކުވައިދެނީ، ދެ ޤައުމުގެ އިނޮވޭޝަން އިކޯސިސްޓަމް، މާ ބޮޑަށް ގުޅިލާމެހެމުންދާ ކަމެވެ.
2047 އަދި އޭގެ ފަސް!
ކުރިއަށް ބަލައި، 2047 ވަނަ އަހަރަށް ވާ އިރު ތަރައްޤީވެފައިވާ ޤައުމަކަށް ވުމުގެ އިންޑިއާގެ އުއްމީދާއި، ޖަޕާނުގެ ޓެކްނޮލޮޖިކަލް މޮޅުކަން، ދިމާވުމުން، ދިގު މުއްދަތުގެ އެއްބާރުލުމަށް ބޮޑެތި ފުރުޞަތުތައް ފެންމަތި ވެއެވެ. 16 ވަނަ ޖަޕާން-އިންޑިއާ އަހަރީ ސަމިޓުން ދޭހަކޮށްދެނީ، މި ޕާޓްނަޝިޕް ވަދެފައި ވަނީ ސްޓްރެޓީޖިކް އިތުބާރު، އިޤްތިޞާދީ ދެމިހުރުން، ޓެކްނޮލޮޖިކަލް ލީޑަރޝިޕް، އަދި ޚިއްޞާ ޖިއޯޕޮލިޓިކަލް މަޞްލަޙަތުތަކުން ފެންމަތިވާ އައު މަރުޙަލާއަކަށެވެ.
2027 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުމުގެ 75 ވަނަ އަހަރީ ދުވަހަށް ދެ ޤައުމު ވެސް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އިންޑިއާ-ޖަޕާން ޕާޓްނަޝިޕް ވެގެންދާނީ 21 ވަނަ ޤަރުނުގެ އެންމެ ބޮޑު ނަތީޖާ ނެރެދޭ ބައިލެޓަރަލް ގުޅުމުގެ ތެރެއިން އެއް ގުޅުމަށެވެ. މީގެ ސަބަބުން، އިންޑޯ-ޕެސިފިކުގެ ސަލާމަތާއި، ޤާނޫނުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤުވާމީ ނިޒާމަށް ބާރު ލިބިގެންދާނެ އެވެ. އަދި ދިރިހުރި ދުނިޔޭގެ ސަޕްލައި ޗެއިންތަކާ، ފުޅާ، ސަލާމަތްތެރި، ދެމެހެއްޓެނިވި ދުނިޔޭގެ އިޤްތިޞާދަކަށް ވެސް ބާރު ލިބިގެންދާނެ އެވެ.
ކޮމެންޓު ފޮނުވާ