އައްޑޫ ހިތަދޫން ގޫގަލްއަށް ދޫކޮށްފައިވާ ބިމުން ކުލި ނަގާނެ ކަމަށާއި، ހިލޭ ބިން ދޫކުރުމުގެ ޑީލް ހަދާފައި އޮތަސް އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގޫގަލްއިން ހިތަދޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން އިންވެސްޓު ކުރާނެ ކަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ސިޓީ ކައުންސިލާ ހިއްސާކޮށްފައި ނުވާކަމަށް ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.
މި މައްސަލާގައި މޭޔަރު ނިޒާރު މިއަދު ވިދާޅުވީ ސީދާ ގޫގަލްގެ ވެރިންނަށް ވެސް އެ ވާހަކަ ދަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"ގޫގުލްގެ ވެރިންނަށް ވެސް އަޅުގަނޑު ދަންނަވާނީ އެ ބިމުން އަޅުގަނޑުމެން ކުލި ނަގާނަމޭ. އަދި މިހާރު ޑީލްތައް ހަދައިގެން ހިލޭ ބިންތައް ނަގައިގެން ތިއްބަސް އަޅުގަނޑުމެން ކުލި ނަގާނަން،" ނިޒާރު ވިދާޅުވިއެވެ.
ގޫގަލްގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި ގޫގަލްގެ މެނޭޖުމަންޓާ އެކު ބޭއްވި މަޝްވަރާތަކުގެ ނަތީޖާއެއް ކަމަށާއި، މި މަޝްރޫއާ އެކު ރާއްޖެ ސަރަހައްދުގެ މުއާސަލާތީ މަރުކަޒަކަށް ބަދަލުވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންނަމަވެސް، ސެންޓްރަލް ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު މި މައްސަލާގައި ދެބަސްވުމެއް އުފެދިފައިވާކަން މޭޔަރުގެ ވާހަކަފުޅުން ދޭހަވެއެވެ.
ކޮމެންޓު ފޮނުވާ