ލިސްޓުގައި ނަން އޮތުމަކީ ކުށެއްނޫން، ދައުވާކުރާ ހިސާބުން އިސްތިއުފާ ދޭންނަން: މަޙުލޫފް

ލިސްޓުގައި ނަން އޮތުމަކީ ކުށެއްނޫން، ދައުވާކުރާ ހިސާބުން އިސްތިއުފާ ދޭންނަން: މަޙުލޫފް

Author
މުޙައްމަދު ޖިމީ
18 މެއި 2021 02:31
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓަކީ ސިޔާސީ ލިސްޓެއްކަަމަށާއި، އެ މައްސަލާގައި ދައުވާކުރާ ހިސާބުން މަޤާމުން އިސްތިއުފާދެއްވާނެކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އަދި ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ޢާންމުކޮށްފައެވެ. އެގޮތުން  އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ 281 މީހެއްގެ ނަންވަނީ އެލިސްޓްގައި ހިމަނާފައެވެ.

އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ބުނެ ތަހުގީގް ހިނގަމުން އަންނަ މީހުންނާއި، ދައުވާކުރަން ފޮނުވާފައިވާ މީހުންގެ ނަމާއި، މިހާތަނަށް މި މައްސަލާގައި އެއްވެސް ސުވާލެއް ކޮށްފައިނުވާ މީހުންގެ ނަންވެސް ހިމެނޭއިރު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެ ލިސްޓްގައި ތިބި އެންމެންނަކީ ދައުވާކުރާނެ މީހުން ނޫންކަމަށް ބުނެފައެވެ.

އެމްއެމްޕީއާރުސީގެ ފައިސާލިބުނުކަމަށް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް ތުހުމަތުކުރެވޭއިރު، އޭގެތެރޭގައި ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފުވެސް ހިމެނިވަޑައިގަންނަވައެވެ. މި މައްސަލާގައ މީގެ ކުރިންވެސް މިނިސްޓަރ މަހުލޫފް ސަސްޕެންޑްކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވަނީ، ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ‎މައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫންކަމަށާއި، އެކަމުގައި ބައިވެރި ވުމެއްވެސް ނޫންކަމަށް ވިދާޅުވެފައެވެ. ‎އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ‎ދައުވާއެއް ކޮށްފިނަމަ އެމަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

‎އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފް ގެ ޗެކުގެ މައްސަލައިގަ 2019 ވަނަ އަހަރު ރައީސް ސޯލިހް ވަނީ އަޅުގަނޑު ސަސްޕެންޑް ކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތްކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކޮށްފަ. ‎ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ‎މައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫން. ‎އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް ‎ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކުވެސް ނުހުންނާނަން.

– ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް

މިނިސްޓަރ މަހުލޫފް ކުރިން ސަސްޕެންޑް ކޮށްފައިވަނީ އޭސީސީން ނެރުނު އެސްއޯއެފް އިން ޑޮލަރު ޖަމާކުރި ފަރާތްތަކާއި ގުޅޭގޮތުން ހިންގިތަހުގީގީ ރިޕޯޓްގައި ނަން އޮތުމުންނެވެ. އެގޮތުން މިނިސްޓަރ މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަމަށް ބުނެފައިވާއިރު، އެީ ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްޙަ މުއާމަލާތެއްކަމަށް ބުނެ މިނިސްޓަރުގެ ސަސްޕެންޝަން ވަނީ އުވާލައްވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރަން ފޮނުވުމަށް ތައްޔާރުވެފައިވާކަން އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައި ބުނެފައިވެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކމށް ބުނާ ލިސްޓްގައި އެއްވެސް ތަހުގީގެއް ނުހިންގި ދައުވާވެސް ނުކުރެވިވާ މީހުންގެ ނަން ހިމަނާ، އެ ލިސްޓް މަޖިލީހުން ޢާންމުކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. އެގޮތުން އެއީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް މަޖިލީހުން ކޮށްފައިވާކަމެއްކަމަށާއި، މަޖިލީހުން ބޭނުންވާ ބައެއްގެ ނަން ލިސްޓުން އުނިކޮށްފައިވާކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.