ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ

ނޭޕާލުގެ ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލިހުން ފާސްކޮށްފި

ނޭޕާލުގެ ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލިހުން ފާސްކޮށްފި

ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ އިތުބާރު އޮތްތޯ ބެލުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ނެގުނު ވޯޓު އޭނާއަށް ނާކާމިޔާބުވެ، އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކޮށްފިއެވެ.

ބޮޑުވަޒީރު އޮލިގެ އިތުބާރު އޮތްތޯ ބެލުމަށް މިއަދު ނެގުނު ވޯޓުގައި ބޮޑުވަޒީރުގެ އިތުބާރު އޮތްކަމަށް ވޯޓު ދެއްވާފައިވަނީ ގާނޫނު ހަދާ މަޖިލިހުގެ 93 މެމްބަރެކެވެ. އަދި އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލިހުގެ 124 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ވަކި އަތަކަށް ވޯޓު ނުދެއްވާ 15 މެމްބަރަކު ތިއްބެވިއެވެ.

ބޮޑުވަޒީރު އަދި ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް-ޔުނިފައިޑް މާކްޒިސްޓް ލެނިނިސްޓް ޕާޓީގެވެސް ލީޑަރު އޮލިގެ އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލިހުގެ ވޯޓަކަށް ދާންޖެހުނީ، ވެރިކަން ކުރާ އިއްތިހާދުގައި އޮތް ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީން ސަރުކާރަށް ކުރަމުން އައި ތާޢީދު އަބުރާ ގެންދިއުމާ ގުޅިގެންނެވެ.

މި ވޯޓު ކުރިޔަށް ދިޔައިރު، ނޭޕާލުގެ ގާނޫނު ހަދާ މަޖިލިހުގައި މިވަގުތު ތިއްބެވި، ކޯވިޑް19އަށް ޕޮޒިޓިވް ވެފައި ތިއްބެވި މެމްބަރުންނަށް ވޯޓުގައި ބައިވެރި ވެވޭނެ ޚާއްސަ އިންތިޒާމެއް މަޖިލިސް ސެކްރެޓޭރިއޭޓްއިން ހަމަޖައްސާދީފައި ވެއެވެ.

ބޮޑުވަޒީރު އޮލި، ނޯ ކޮންފިޑެންސް ވޯޓަކަށް މިއަދު ގޮވާލައްވާފައިވަނީ، އޭނާގެ ކޯލިޝަނުން އަދިވެސް އިތުރު ޕާޓީއެއް ވަކިވެގެން ހިގައިދާނެ ކަމުގެ ބޮރު ހީވެފައިއޮތަސް، އަދިވެސް ގާނޫނު ހަދާ މަޖިލިހުގައި އޭނާގެ ސަރުކާރަށް ތާޢީދު އޮތްކަން ސާބިތު ކޮށް ދިނުމަށްޓަކައެވެ.

މިއަހަރުގެ މާރޗްމަހު ކޮމިިއުނިސްޓް ޕާޓީ ބައިބައި ވެގެން ދިއުމުގެ ސަބަބުން، އެގެ ފަހުން އޭނާ ބޮޑުވަޒީރުކަން ކުރައްވަމުން ވަޑައިގެންފަ ވަނީ މައިނޯރިޓީގެ ތާޢީދާއެކީއެވެ.

"ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން އަހަރެންނަށް ތާޢީދު ނުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ވޯޓުގެ ކުރިން ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަމުން އޮލި ވިދާޅުވެފައި ވެއެވެ.

ނޭޕާލްގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، ބޮޑުވަޒީރު އިލިއަށް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑެތި ފާޑު ކިއުންތަކެއް ރައްދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *