ޓެރަރިސްޓް ހަމަލައާއި ގުޅިގެން ހޯދަމުންދިޔަ އިސް މީހާ ހައްޔަރު ކޮށްފި

ޓެރަރިސްޓް ހަމަލައާއި ގުޅިގެން ހޯދަމުންދިޔަ އިސް މީހާ ހައްޔަރު ކޮށްފި

Author
ހުސެއިން
09 މެއި 2021 07:30
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ  ދިންޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެފްލެޓުންނެވެ. ނަމަވެސް އޭނާ ހައްޔަރުކުރުމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަނުކުރެއެވެ. ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ މި މީހާއަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި އެންމެ މުހިންމު މީހާކަމަށެވެ. އޭނާ އަކީ ފުލުހުން މި ތަހުގީގަށް އެންމެ ބޮޑަށް ބޭނުންވާ މީހާކަމަށްވެސް ފުލުހުން އިއްޔެ ވިދާޅުވިއެވެ. ފުލުހުން އެހެން ހާމަކުރެއްވިތާ ގާތްގަނޑަކަށް15 ވަރަކަށް ގަޑިއިރުގެ ތެރޭގައި އޭނާ މިވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އިއްޔެ އޭނާގެ ފޮޓޯ ޢާންމުކޮށްފައިވާއިރު، އޭނާ ބޮން ގޮއްވާލުމަށްފަހު ފިލަން މަސައްކަތްކުރިކަމަށް ބުނާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ ޝައްކުކުރެވޭ4 މީހަކު ތިބިކަމަށް ހާމަކޮށްފައެވެ. އޭގެތެރެއިން ދެ މީހަކު އިއިްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. އެމީހުންނަކީ ކުށުގެ ރެކޯޑްތައް އޮންނަ ބައެއްކަމަށާއި، އޭގެތެރެއިން ތަހްމީން އަޙްމަދަކީ މި ހާދިސާގައި ބޮން ހަރުކޮށް ގޮއްވާލި ސައިކަލުގެ ވެރިފަރާތްކަމށްވެސް ފުލުހުން ބުނެފައިވެއެވެ. ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ނަންބަރު ޕްލޭޓް ބަދަލުކޮށް ސައިކަލްގެ އިންޖީނުގެ ނަމްބަރުވެސް ކަހާލާ ނަންބަރު ސިއްރުކުރަން މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ބޮން ގޮއްވާލި މީހާ ހައްޔަރުކުރުމާއެކު މިހާރު މިވަނީ މި މައްސަލާގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ މި މީހުންގެ އިތުރުން، އިތުރު ބައެއްވެސް މިކަމުގައި ޝާމިލްވެދާނެކަމަށް ބުނެފައެވެ. އަދި އިއްޔެ ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރާއި ގުޅުންއޮތް ބައެއްކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާގައި ގޮއްވާލި އައިއީޑީން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި މިވަގުތުވެސް ރައީސް ނަޝީދު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައިކަމަށާއި ޑޮކްޓަރުން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަންވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.