ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވީ 3.4ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރުކުރި މީހެއް

ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވީ 3.4ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރުކުރި މީހެއް

Author
މުޙައްމަދު ޖިމީ
06 މެއި 2021 12:10
0

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށާއި، އޭގެތެރެއިން އެކަކު އަމިއްލައަށް މަރުވީކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ އިނގިރޭސި ވިލާތުގެ ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ މީހެއްކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައިކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ވަނީ ދީފައެވެ. ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައިވާކަމަށެވެ. ފުލުހުންގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.