ސަރުކާރު ކޯލިޝަންގެ މައްޗަށް އެމްޑީއެން ކާމިޔާބު ހޯދާފި: މަލީހު

ސަރުކާރު ކޯލިޝަންގެ މައްޗަށް އެމްޑީއެން ކާމިޔާބު ހޯދާފި: މަލީހު

Author
މުޙައްމަދު ޖިމީ
06 މެއި 2021 10:14
0

މި ކޯލިޝަން ސަރުކާރުގެ މައްޗަށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) ކާމިޔާބު ހޯދާފައިވާކަމަށް ވިދާޅުވެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިއްޔެ ވަނީ މިސަރުކާރުގެ ކެބިނެޓަށް ބައެއް ބަދަލު ގެންނަވާފައެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަންކުރެއްވުމާއެކު، ދީނަށް ފުރައްސާރަކޮށް އެކަމަނާ ކުރައްވާފައިވާ ޓްވީޓްތަކާއިއެކު ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ. އަދި މިސަރުކާރުން އިސް މަޤާމުތަކަށް ދީނަށް ފުރައްސާރަކުރާ މީހުން އައްޔަންކުރަމުން އަންނަކަމުގެ ތުހުމަތާއެކު ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވެއެވެ.

މިސަރުކާރުގެ ފުރަތަމަ ޓެކްނޮލިޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވަނީ، ކޯލިޝަންގެ މައްޗަށް އެމްޑީއެން ކާމިޔާބު ހޯދާފިކަމަށެވެ. ދައުރު ނިމޭއިރު އެމްޑީއެން ފިޔަވާ އިތުރު ބަޔަކު ނޫޅޭނެކަމަށާއި، ސަރުކާރު އެމްޑީޕީގެ އަސްލު ސޫރަޔަށް ރުޖާޢަ ވުމުގެ ކޮޅުމަތި މިހާރު މިފެށުނީކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި އޭނާ ވަނީ ކޯލިޝަން ވެގެން ތިއްބެވި ބޭފުޅުން ނިދިން ހޭލުމަށްވެސް ގޮވާލައްވާފައެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރުގެ ކޯލިޝަން ބައިވެރިންނަށް ކެބިނެޓްގެ ސްލޮޓްތައް ދިނުމަށްފަހު، ބައެއް ސްލޮޓްތައް އެއްބަސްވުމާއި ޚިލާފަށް އުވާލައްވާ ނުވަތަ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ އައްޔަންކުރައްވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓިއަށް ދީފައިވާ ސްލޮޓްކަމަށްވާ ޓެކްނޮލިޖީ މިނިސްޓްރީ އުވާލައްވާ އެންވަޔަރަމަންޓްގެ ދަށަށް މެންޑޭޓް ބަދަލުކޮށް އެމްޑީޕީގެ ޝައުނާ ވަނީ އައްޔަންކުރައްވާފައެވެ. އޭނާ އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޖޭޕީން ނަމެއް ފޮނުވާފައިވަނިކޮށެވެ.

ޓެކްނޮލޮޖީ މިނިސްޓްރީ ސަރުކާރުން އުވާލުމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ކެބިނެޓުން އިތުރު ސްލޮޓެއް މިވަނީ ގެއްލިފައެވެ. މީގެ ކުރިންވެސް ޖޭޕީގެ ސްލޮޓަށް ރައީސް ވަނީ އެމްޑީޕީގެ ބޭފުޅަކު އައްޔަންކުރައްވާފައެވެ. ޖޭޕީ ސްލޮޓްގައި ހުންނެވި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އިސްތިއުފާދެއްވުމުން އެ މަޤާމަށް ރައީސް އައްޔަންކުރެއްވީ އެމްޑީޕީގެ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް (ކެރަފާ ނަސީމް)އެވެ.

އެހެންކަމުން ކެބިނެޓްގައި ޖޭޕީއަށް އޮތް ސްލޮޓްތަކުން ދެ ސްލޮޓެއް މިވަނީ އެޕާޓީއަށް ގެއްލިފައެވެ. ހެލްތު މިނިސްޓަރަކަށް ކެރަފާ ނަސީމް އައްޔަންކުރެއްވީވެސް، އެ މަޤާމަށް އައްޔަންކުރެއްވުމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ދެ ނަމެއް ރައީސްއަށް ފޮނުއްވާފައިވަނިކޮށެވެ.

ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމަށް އައްޔަން ކުރާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއްކަމަށް މިސަރުކާރުގެ ގިނަ ބޭފުޅުންނާއި، އާންމު ގިނަ ރައްޔިތުންވެސް ތިބީ ޤަބޫލުކޮށްގެނެވެ. ހެލްތު މިނިސްޓަރުގެ މަޤާމަށް ނަސީމް އައްޔަން ކުރުމާއި ހަމައަށް މި މަޤާމަށް އައްޔަން ކުރާނީ ޖޭޕީގެ ބޭފުޅެއްކަމަށް ކޯލިޝަންގެ ގިނަ ޕާޓީތަކުންވެސް ތިބީ ޤަބޫލުކޮށްނެވެ.

ޖޭޕީއަށް އޮތް ދެ ސްލޮޓެއް ކެބިނެޓުން އެޕާޓީއަށް ގެއްލިފައިވާއިރު، ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށްވެސް ވަނީ ދެ ސްލޮޓެއް ގެއްލިފައެވެ. އެއީ ހައުސިން މިނިސްޓަރަކަށް ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ އުވާލައްވާ، ޕްލޭނިން މިނިސްޓަރ އަސްލަމްގެ ދަށަށްމެންޑޭޓް ބަދަލުކުރުމުންނެވެ. އަދި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަޙީދު މަޤާމުން ދުރުކުރައްވާ، އެ މަޤާމަށް ޖޭޕީގެ ޙުސައިން ރަޝީދު ޙަސަން އައްޔަންކުރެއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.