ޖަމީލް ސަރުކާރަށް: އިޤްތިޞާދު ސްލޯވާތީ ގެނެވުނު "ބޫމް"އަކީ މިއީތޯ؟

ޖަމީލް ސަރުކާރަށް: އިޤްތިޞާދު ސްލޯވާތީ ގެނެވުނު "ބޫމް"އަކީ މިއީތޯ؟

Author
މުޙައްމަދު ޖިމީ
05 މެއި 2021 03:53
0

ރައީސުލްޖުމްހޫއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ކެބިނެޓަށް ގެންނެވި ބަދަލުން އެއްވެސް ސިޔާސަތެއް ނެތްކަން ފެނިއްޖެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރަކަށް، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އަދި ފިޝަރިޒް މިނިސްޓަރަަކށް ޑރ.ޙުސައިން ރަޝީދު ޙަސަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އައްޔަންކުރައްވާފައެވެ.

މިކަމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނުކަމަށެވެ. ތާސްބައި އެހެން ގޮތަކަށް އަތުރާލިއިރު ފެނިގެން ދަނީ ވުޒާރާތައް އުފައްދައި އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫންކަންކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އޭނާ ވަނީ "ސްލޯ"ވާތީ އިޤްތިޞާދަށް އަންނާނެކަމަށް ވިދާޅުވި 'ބޫމް' އަދި އިންޓަނެޓުގެ އަގަށް ގެންނަ ބަދަލަކީ މިއީތޯވެސް ސުވާލުކުރައްވާފައެވެ.

ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު. ތާސްބައި އެހެން ގޮތަކަށް އަތުރާލިއިރު ފެނިގެން ދަނީ ވުޒާރާތައް އުފައްދައި އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫންކަން. ސްލޯވާތީ އިޤްތިޞާދަށް އަންނާނެކަމަށް ވިދާޅުވި 'ބޫމް' އަދި އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު މި ފެނުނީބާ؟

– މުޙައްމަދު ޖަމީލް އަޙްމަދު

މިނިސްޓަރުކަމަށް އައިމިނަތު ޝައުނާ އައްޔަންކުރައްވާފައިވަނީ، ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރުމަންޓް އެއްކޮށްލުމަށްފަހުއެވެ. އެ ވުޒާރާގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖު އެންޑް ޓެކްނޮލިޖީއަށް ބަދަލުކޮށްފައެވެ.
އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް ޝައުނާ އައްޔަންކުރެއްވިއިރު، ޝައުނާ މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ސެކްރެޓަރީގެ މަޤާމުގައެވެ. އަދި ފިޝަރިޒް މިނިސްޓަރަކަށް ޑރ.ޙުސައިން ރަޝީދު ޙަސަން އައްޔަންކުރައްވާފައިވާއިރު، މީގެ ކުރިން އޭނާ ހުންނެވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމުގައެވެ. މި ބަދަލާއެކު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓް ޖޭޕީއަށް ލިބިފައިވާއިރު، ޖޭޕީގެ އެންވަޔަރަމަންޓް ސްލޮޓް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ލިބިގެން ގޮސްފައެވެ.

ފިޝަރީޒް މިނިސްޓަރަކަށް ޑރ.ޙުސައިން ރަޝީދު އައްޔަންކުރައްވާފައިވާއިރު، ކުރިން އެ މަޤާމުގައި ހުންނެވި ޒަހާ ވަހީދު މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.