ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ރަނގަޅުކުރުމަށް އެންމެ ބޮޑަށް އިސްލާޙު ކުރަންވީ ސަރުކާރުގެ ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ސިޔާސަތުތައްކަމަށް މާލެސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެ، ބަލިޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުވެ ރާއްޖެ ވަނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ޤައުމުގެ އިޤްތިޞާދު ހީނަރުވެ އެތައް ަބއެއްގެ އާމްދަނީއާއި ވަޒީފާއަށް ވަނީ ނުރަނގަޅު އަސަރުކޮށްފައެވެ. ރާއްޖެ މިހާރު ކުރިމަތިލަމުން މިދަނީ ކޯވިޑްގެ 4 ވަނަ ރާޅާކަމަށް ސިއްޙީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ރާއްޖެއިން ކޯވިޑްގެ ޙާލަތު މިހާ ގޯސްވެގެން މިދިޔައީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ. ޚައްޞަކޮށް ޤައުމުގެ އިޤްތިޞާދީ ސިޔާސަތު ފެއިލްވެފައިވާކަމަށް އިޤްތިޞާދީ ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
މާލޭގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި، ކޯވިޑްގެ ޙާލަތު މިވަނީ ރައްޔިތުންގެ "ފަރުދީ ޒިންމާ" އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރަށްވުރެ ގޯސްވެފައިކަމަށެވެ. އެންމެ ބޮޑަށް އިސްލާޙު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ސިޔާސަތުތައްކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އިންތިޚާބީ މޭޔަރު ވިދާޅުވީ، ކަން އެހެން އޮތްނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، "ފަރުދީ ޒިންމާ" އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ
ކަން މިހެން އޮތްނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، "ފަރުދީ ޒިންމާ" އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން.(2/2)
— Dr Mohamed Muizzu (@MMuizzu) May 5, 2021
ކޯވިޑާއި ގުޅިގެން ގެންގުޅުނު ޚާރިޖީ ސިޔާސަތަށް ޑރ.މުޢިއްޒު ފާޑުވިދާޅުވެފައިވާއިރު، ރާއްޖެއިން ކޯވިޑްގެ ޙާލަތުގައި އެންމެ ބޮޑަށް ބަރޯސާވީ އިންޑިއާއަށެވެ. އިންޑިއާއަކީ މިހާރު ދުނިޔޭގެ އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ޙާލަތު ކޯވިޑްގައި އޮތް ޤައުމެވެ. އެ ޤައުމު އޮކްސިޖަނަށާއި އެނޫންވެސް ސިއްޙީ ވަސީލަތްތަކަށް ޖެހިފައިވާއިރު، އެޤައުމުން ވަނީ ވެކްސިން އުފެއްދުމަށްވެސް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ. ރާއްޖެއިން ވެކްސިން ހޯދުމުގައާއި، ކޯވިޑްގެ ވަސީލަތްތައް ހޯދުމުގައި އިންޑިއާއަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމުގައި ގޮންޖެހުންތަކެއް ދިމާވެފައިވާކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ، އެ ވެކްސިން ޢާންމުކޮށް ޖެހުން މިހާރު ވަނީ މެދުކަނޑާލާފައެވެ. ރާއްޖޭގެ ކޯވިޑްގެ ޙާލަތި ގޯސްވެފައިވާއިރު، އިއްޔެ އެކަނިވެސް600އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ހަތަރުވަނަ ރާޅުކަމަށާއި، ރާއްޖޭގައި ކޯވިޑްގެ އައު ވޭރިއަންޓްތައް އުޅޭނީކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ