އުފަންދުވަހު، މައުމޫންގެ ތަޢުރީފް ޒަހާއަށް

އުފަންދުވަހު، މައުމޫންގެ ތަޢުރީފް ޒަހާއަށް

Author
މުޙައްމަދު ޖިމީ
05 މެއި 2021 09:38
0

ފިޝަރީޒް މިނިސްޓަރުކަމުން ދުރުކުރެއްވި ޒަހާ ވަހީދަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު މައުމޫން ޢަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ. ޒަހާ ފިޝަރީޒް މިނިސްޓަރުކަމުގައި ހުންނެވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.

ޒަހާ މަޤާމުން ވަކިކުރައްވާފައިވަނީ، އެކަމަނާގެ އުފަންދުވަސް ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. އަދި މަޤާމުން ވަކިކުރެއްވީވެސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު، ޒަހާއަށް ފޯނުން ގުޅުއްވައެވެ. މިއާއެކު މިއީ އެކަމަނާގެ ޚިދުމަތަށާއި، އެކަމަނާގެ އުފަންދުވަހަށް ސަރުކާރުން ދެއްވި ހަދިޔާއެއްކަމަށް ވިދާޅުވެ ވަރަށް ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އަދި އެކަމަނާ މަޤާމުން ދުރުކުރައްވަން އުޅޭކަމުގެ ވާހަކަތައް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން ދެކެވެމުން އައިސް، އެކަމަނާ މަޤާމުން ވަކިކުރައްވާ އިއްޔެއާއި ހަމައަށް ދިޔައިރުވެސް އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްއާއި ރައީސް މައުމޫންވެސް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވިއެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި ރައީސް މައުމޫން، ޒަހާގެ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަނާ މަޤާމުގެ މަސްޢޫލިއްޔަތު އުފެއްލެވީ ރަނގަޅަށްކަމަށް ވިދާޅުވެފައެވެ.

ޒަހާ މަޤާމުން ވަކިކުރައްވާފައިމިވަނީ، ސަރުކާރު ހިންގުން ލަސްކަމަށާއި، އެދެވޭ ނަތީޖާއެއް ނުނިކުންނާތީ، ކެބިނެޓަށް ބަދަލުތަކެއް ގެނައުމުގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މިއަދުވެސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޒަހާ މަޤާމުން ވަކިކުރެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކުރައްވާފައިވާކަމަށްވެސް ވާހަކަދެކެވޭއިރު، ސަރުކާރުން އަދި ވަކިއެއްޗެއް ހާމަނުކުރައްވައެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން މިހާރު އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެވަޒީރުން ވަޒީރުކަމުން ވަކިކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ނަމަވެސް މަޤާމުން ވަކިކުރައްވަނީ ކޮން ވަޒީރުންނެއްކަމެއް ވިދާޅުވެއް ނުވެއެވެ. ރައީސްގެ މިސިޓިއާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ރައީސްއަށް ޖަވާބުދެއްވާފައިވެެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފިޔަވާ އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ފާޅުކުރައްވާފައިވެއެވެ.

ބައެއް ވަޒީރުން މަޤާމުން ދުރުކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު، އެނގިފައިވާގޮތުގައި އޭގެތެރޭގައި ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ވަޒީރުން ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސަރުކާރުންވެސް އަދި އެމްއާރުއެމް އިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ސަރުކާރުގެ ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރުގެ ސްޕީޑް ލަސްކަމަށާއި، ނަތީޖާ ނުނެރެވޭކަމަސް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. މިހާތަނަށް އާއިރުވެސް ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ބައެއް ވަޒީރުން ޕްރެޝަރާހެދި ވަނީ ފެޔަށްޖެހިވަޑައިގެންފައެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓުވެސް ނަގާފައިވެއެވެ.

އެގޮތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވަނިކޮށް އިސްތިއުފާދެއްވުމަށް ރައީސް އެންގެވުމުން އިސްތިއުފާނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކިކުރައްވާފައިވެއެވެ. އަދި ޓެކްނޮލޮޖީ މިނިސްޓަރުގެ އިތުބާރުނެކަމަށް މަޖިލީހުން ފާސްކޮށް މަޤާމުން ދުރުކުރައްވާފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.