ރާއްޖޭގައި ހުރި ކޯވިޑް ދިފާޢު ވެކްސިންގެ ޢަދަދު މަދުކަމަށް ރައީސް އޮފީހުގެ ތަރުޖަމަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ވެކްސިން މިހާރު ހުރި އަދަދު މަދުކަމަށް ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވާކަމަށާއި، ނަމަވެސް މިވަގުތު ހުރީ ސީދާ ކިހާ ޢަދަދެއްގެ ވެކްސިނެއްކަން ސާފު ނުވާކަމަށެވެ.
ވެކްސިންގެ ޢަދަދު މަދުވެފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު، ކޮންމެ ދުވަހަކުވެސް ވެކްސިން ޖެހުމަށް އެތައް ގަޑިއިރެއްކުރިން ވެކްސިން ސެންޓަރުތައް ކައިރީގައި ކިއު ހަދައެވެ. ނަމަވެސް އެންމެނަށް ވެކްސިން ޖަހައި ުދީ، މިހާރު ވެކްސިން ޖެހުމުގައި އިސްކަންދޭ ތަރުތީބެއް ގެންގުޅެއެވެ. އެގޮތުން ރޭވެސް ވެކްސިން ޖަހައިދީފައިވަނީ ހަމައެކަނި ފެބުރުއަރީ މަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަންޏެވެ.
ވެކްސިން ޖެހުމަށް ކިއު ބޮޑުވެ ވެކްސިން އެންމެނަށް ޖަހައި ނުދޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި ވެކްސިން ސެންޓަރުތަކުގައި ބައެއް ހަމަނުޖެހުންތައްވެސް މިފަހަކަށް އައިސް ހިނގފައި އެބަހުއްޓެވެ. އެޗްއީއޯސީން ބުނެފައިވަނީ ވެކްސިން ޖަހއިދޭނީ ވެކްސިން ކާޑަށް ބެުމަށްފަހު، ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މީހުންނަށް އެކަނިކަމަށެވެ.
ވެކްސިންގެ ސްޓޮކް މަދުވެފައިވާއިރު، ވެކްސިން ޖެހުމަށް ސަރުކާރުން ގެންދަނީ ބާރު އަޅަމުންނެވެ. ސަރުކާރުން ވަނީ އެސްޓްޒެނެކާގެ7 ލައްކަ ވެކްސިން ޑޯޒް ގަތުމަށް އޯޑަރު ދީފައެވެ. އެ ވެކްސިންތައް ލިބޭނެކަމަށް އެކި ތާރީޚްތައް ދިންނަމަވެސް އަދިވެސް އެ ވެކްސިންތައް ރާއްޖެއަށް ލިބިފައެއް ނުވެއެވެ. އެންމެފަހުން ހެލްތު މިނިސްޓާރ ދެއްވާފައިވާ ތާރީޚަކީ އެސްޓްރަޒެނެކާ ވެކްސިން ލިބޭނީ އަންނަ ޖޫން މަހުކަމަށެވެ.
އަދި އިންޑިއާއިން ވެކްސިން ލިބޭތޯ މަސައްކަތްކުރަމުން އަންނަކަމަށާ، ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުންއަންނަކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ފަހަކަށް އައިސް ކުޑަކުދިންނަށް ކޯވިޑް ޖެހޭލެއް އިތުރުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ފައިޒާ ވެކްސިންގެ އިތުރު ޑޯޒްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިގޮތުން ދެން ހޯދާ ފައިޒާ ވެކްސިން ޚާއްސަކުރާނީ އުމުރުން 16 އަހަރާއި 18 އަހަރުގެ ކުދިންނަށްކަމަށެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއާރީ މަހުގައެވެ. ފުރަމަ ކޮވިޝީލްޑް ވެކްސިން ޖަހަން ފެށިނަމަވެސް މިހާރު އަންނަނީ ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިން ޖަހައިދެމެންނެވެ. ނަމަވެސް ފައިޒާ ވެކްސިން ޖަހާދެނީ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށެވެ.
މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 297،639 މީހުންޖަހާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 108،494 މީހުންނެވެ.
ކޮމެންޓު ފޮނުވާ