މަދަނީ އިޖްރާޢަތުގެ ބިލާއި ގުޅޭގޮތުން ޖުޑީޝިއަރީ ކޮމިޓީން ދެއްކި ވާހަކަތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައްދު ދީފިއެވެ.
މަދަނީ އިޖުރާއަތްތަކުގެ ބިލުގެ މަސައްކަތް ލަސްވާތީ އިންސާފް ޤާއިމްކުރުމަށް ހުރަސްއެޅޭކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވުމުން، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ވަނީ ޕްރެސް ކޮންފަރެންސްއެއްބާއްވާ އެ ވާހަކަތަކަށް ރައްދު ދީފައެވެ. އެގޮތުން އެކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ ބިލް މިދިޔަ އަހަރު ފެބްރުއަރީ މަހު ފޮނުވާފައި އޮތް ނަމަވެސް ބިލް ދިރާސާކުރަމުން ދަނިކޮށް ފޮނުވި ބިލަކީ ރަނގަޅު ވާޝަނެެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނި ކަމަށެވެ. އަދިއެ ބިލުގެ މަސައްކަތް ލަސްވަނީ ސަރުކާރުގެ ސަބަބުންކަމަށްވެސް އިންތި ވިދާޅުވިއެވެ.
މި ބަހުސްގެ ތެރެއަށް ވަދެ އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިކަމަށާއި، އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުޙަލާ ނިމި، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނީ 12 ފެބުރުވަރީ 2020 ގައިކަމަށެވެ.
މަދަނީ އިޖުރާއަތުގެ ބިލަކީ 25 ޖޫން 2019 ގައި ސަރުކާރުން އިޢުލާނުކުރި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނުނު މުހިންމު ބިލުތަކުގެ ތެރެއިން އެއް ބިލުކަމަށާއި، އެ ބިލު އެކުލަވާލުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވަނީ، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ޔޫ.އެން.ޑީ.ޕީ.ގެ އެހީތެރިކަމާއެކު ޢައްޔަންކުރި އިންޓަރނޭޝަނަލް ކޮންސަލްޓަންޓެއް މެދުވެރިކޮށްކަމަށްވެސް ފާހަގަކުރިއެވެ. އެގޮތުން ކޮންސަލްޓަންޓް އެކުލަވާލި ބިލުގެ އިނގިރޭސި ދެލިކޮޕީގެ އެންމެ ފަހުގެ ކޮޕީ އެ އޮފީހަށް ހުށަހެޅުނީ، އެ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށްވީނަމަވެސް، އެ ބިލުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ އަހަރު ޤަޞްދުކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް އެ ބިލު ހުށަހެޅުމަށްޓަކައި، އެ ބިލުގެ އިނގިރޭސި ޑްރާފްޓަށް ބިނާކޮށް، ބިލުގެ ދިވެހި ދެލިކޮޕީއެއް އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ވަނީ ކުރިއަށްގެންގޮސްފައިކަމަށާއި، އެހާތަނަށް މަޖިލީހުގެ އެ ދައުރުގައި ދެން ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމުން، އެ މަސައްކަތް ފުރިހަމަކުރަންޖެހުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައިކަމަށްވެސް އޭޖީގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުމުގެ ކުރިން އެ ބިލު އެމަޖިލީހަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ނިންމައި، އެ ބިލު އެ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަމަށްވެސް އޭޖީން ބުންޏެވެ.
މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، އިސްވެ ދެންނެވި ފަދައިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަންޖެހުނު މަސައްކަތެއް ކަމުން، އެ ބިލުގެ ކޮމިޓީ މަރުޙަލާގައި ބިލު އަލުން މުރާޖަޢާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ގުޅިގެން މި އޮފީހުން ވަނީ 2020 ވަނަ އަހަރު ކުރިއަށްގެންގޮސްފައެވެ. އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ޞަފްޙާގެ ބިލެއްކަމުން، ކޮމިޓީން ބިލު ދިރާސާކުރެއްވުމުގެ މަސައްކަތަށް ހުރަހަކަށްނުވާނެ އުސޫލުން، މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި، މި އޮފީހުން އެ ބިލު މުރާޖަޢާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖަޢާކޮށް، އެ ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިޞްލާޙެއްވާނަމަ، އެ ބައިތައް އިޞްލާޙުކުރުމަށްފަހުގައި ކޮމިޓީއާ ޙިއްޞާކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައެވެ.
– އޭޖީގެ ބަޔާނުގައިވެއެވެ.
އޭޖީން ބުނީ ބިލުގެ އެކި ބައިތައް ވަކިވަކިން ކުރިއަށްގެންދިޔުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމުގައި ކޮމިޓީން ވިދާޅުވުމުން، އެ ބިލު އެކުގައި މުރާޖަޢާކޮށް، މުޅި ބިލުގެ އިޞްލާޙުކޮށްފައިވާ ދެލިކޮޕީއެއް، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ޙިއްޞާކުރަން ނިންމުނުކަމަށާއި، އެ މަސައްކަތް މުޅިން ނިމި، އިޞްލާޙުކުރެވުނު ބިލު މި އޮފީހުން ކޮމިޓީއަށް ފޮނުވީ، 4 ނޮވެމްބަރު 2020 ގައެވެ. އޭގެ ފަހުން، ކޮމިޓީން ބިލުގެ މަސައްކަތް ކުރިއަށްގެންދެވުމުގައި އެހީއެއްގެ ގޮތުގައި ބޭނުންކުރެއްވޭނެ ބިލުގެ ޚުލާޞާއެއްވެސް އޭޖީ އެކުލަވާލައި، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވާފައިވާނެކަމަށްވެސް އޭޖީން ބުންޏެވެ.
މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށްގެންދަވާއިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ވަނީ ދެމުންގޮސްފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް، އެ ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމިޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ.
– އޭޖީގެ ބަޔާނުގައިވެއެވެ.
އޭޖީން މިހެން ބުނެފައިވާއިރު، މަދަނީ އިޖުރާޢަތުގެ ބިލު ލަސްވެގެން ކޮމިޓީގެ މެންބަރުންގެ ބޮލުގައި އެކަން އަޅުވާފައިވާތީ އެކަަމާ ކަންބޮޑުވާކަން ފާހަގަކުރައްވަމުން ޖުޑީޝިއަރީ ކޮމިޓީގެ މުގައްރިރ އިމްތިޔާޒް ވިދާޅުވީ އެގޮތަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް ވިދާޅުވަނީ މަންދުކޮލެޖަށް ދައުލަތުން ދިން ބަދަލާއި ގުޅިގެން އެކޮލެޖް ހިންގާ ފަރާތުން ވިދާޅުވާ ވާހަކަތަކާއި ގުޅިގެންކަމަށް ޤަބޫލުކުރެވޭކަމަށެވެ. މީގެ އިތުރުން މަދަނީ އިޖުރާޢަތުގެ ބިލުގެ ފުރިހަމަ ވާޝަންއެއް ބަންޑާރަ ނާއިބުގެ އޮފީހުން ފޮނުވަން އަހަރެއްހާ ދުވަސް ހޭދަވިކަމަށާއި އެބިލުގެ މަސައްކަތް ލަސްވީ ކޮމިޓީގެ ސަބަބުންކަމަށް ބުނުމަކީ ބަލައިގަނެވޭނެކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ