ނަޝީދު ވިދާޅުވެފައިވަނީ، މިހާރު މިއޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުމުގެ މަސައްކަތް ކުރައްވާނެ ކަމަށް

އެމްޑީޕީއަށް ވެރިކަމުގައި ދެމިއޮވެވޭނެ ހަމައެކަނި މަގަކީ ބަރުލަމާނީ!

އެމްޑީޕީއަށް ވެރިކަމުގައި ދެމިއޮވެވޭނެ ހަމައެކަނި މަގަކީ ބަރުލަމާނީ!

ގުޅުންހުރި

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެވެސް އަދި އެހެން ސިޔާސީ ޕާޓީތަކުގެވެސް އަމާޒަކަށްވަނީ ވެރިކަމަށް އައުމެވެ. ވެރިކަމަށް އާދެވިއްޖެނަމަ ވެރިކަމުގައި ދެމިއޮތުމުވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް އުފެދުނު ވެރިކަން ތަކުގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ނިންމާލެވި ވެރިޔަކީ ރައީސް ޔާމީނެވެ.

ރައީސް ޔާމީންގެ ވެރިކަމަށްފަހު މިއަދު ވެރިކަން ކުރަމުންދާ ކޯލިޝަނަކީވެސް ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ނުފޫޒުގަދަ ވެރިން ހިމެނޭ ވެރިކަމުގެ ކޯލިޝަނެވެ. އަދި މިހާތަށް އެންމެ ގިނަ ދުވަހު ވެރިކަމުގެ ކޯލިޝަން ނުރޫޅި ހިފެހެއްޓުނު ކޯލިޝަންވެސް މެއެވެ. ނަމަވެސް މިއަދު ވެރިކަން ދެމެހެއްޓުމަށް އޮތް އެންމެބޮޑު ހުރަހަކީ ކޯލިޝަންކަމަށް މައިޕާޓީ އެމްޑީޕީގެ އިސްބޭފުޅުން ދަނީ ވަރަށް ފާޅުގައި ވިދާޅުވަމުންނެވެ.

ކޯލިޝަންގައި ހިމެނޭ ވަޒީރުން ބަލަހައްޓަވާ މިނިސްޓްރީތައް ފެއިލްވަމުންދާ ވާހަކައާއި، ވަޒީރުންނަށް ޒިންމާ އެންމެ އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ވާހަކައިގެ އަޑު ދަނީ ގަދަވަމުންނެވެ. ކެބިނެޓަށް ބެޑެތި ބަދަލު އަންނަން އުޅޭވާހަކަވެސް ވަނީ ގަދަވެފައެވެ. މިހުރިހާ ކަމެއް މިއަދުކުރަމުން މިދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ މިސްރާބަށް ދަތުރު ކުރުމަށްކަމަށް ކޯލިޝަންގައި ހިމެނޭ ބޭފުޅުންވެސް މިހާރު ދަނީ ވިދާޅުވަމުންނެވެ.

ހުރިހާވެސް އަމާޒެއް އޮތީ ވެރިކަމުގައި ދެމިއޮތުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ. މިއަދު މިކަން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ޕާޓީއަކަށް ގިނިކަންޏާ ކުރެވޭނެ ގޮތެއް ނެތެވެ. ކޯލިޝަންގެ ތެރެއިން ނޫނޫން ގޮތަކަށް ވެރިކަމަށް އާދެވޭނެ މަގެއް ނެތެވެ. މިހުރިހާ އުދަގުލާއި ގޮންޖެހުން އޮތުމުން މިއަދު އެމްޑީޕީގެ މިސްރާބު އޮތީ ބަރުލަމާނީ ނިޒާމާއި ދިމާލާށެވެ. ރައީސް ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެނިޒާމު ގެންނަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކޯވިޑް-19 ގައި ރާއްޖެ ލޮކްޑައުންކޮށްފައި އޮތް ހާލަތުގައިވެސް ބަރުލަމާނި ނިޒާމުގެ ވާހަކަ ރައީސް ނަޝީދު ވަނީ މަޖިލިސް ތެރޭގައި ދައްކަވާފައެވެ. އެދުވަސްވަރު ވިދާޅުވީ އެއީ އެވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތު ނޫންކަމަށެވެ. އެވާހަކަ ދެެއްކެވިތާ އަހަރެއްފަހުން ވެރިކަމަށް ދެއަހަރާއި ބައިވާން ކައިރިވެފައި ވަނިކޮށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައި ބޮޑު ކެމްޕެއިނެއް ވަނީ ފައްޓަވާފައެވެ. މާލޭގެ މަގުތަކުގައި ބަރުލަމާނީ ލޯގޯތައް ޖެހުމާއި، ބަރުލަމާނީއަށް ތާއީދު ހޯދުމަށްޓަކައި މަޖިލިސް މެމްބަރުންނާއި، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ލިސްޓުތަކެއްވެސް ދަނީ ހެދެމުންނެވެ.

އެމްޑީޕީ ޤައުމީ މަޖިލިސްގައި ބަރުލަމާނީ ކެމްޕެއިނެއް، އިސްކޮށް ސިއްޕެ

މިކަމުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ބަސްމަގުވެސް ހުރީ ދާދި އެއްގޮތަކަށެވެ. ރައީސް ޞާލިހުވެސް ރައީސް ނަޝީދުވެސް ވިދާޅުވަނީ ނިޒާމު ބަދަލު ކުރާނީ ރައްޔިތުންގެ ކައިރިއަށް ގޮސްގެންކަމަށެވެ. ނަމަވެސް ދާންއުޅޭ ހާލަތެއް އަދި ދާނެކަމުގެ އިޝާރާތެއް އަދި ފެންނާކަށްނެތެވެ. ސިޔާސީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެއްގޮތަކީ ރައްޔިތުންނާއިހަމައަށް ނުގޮސް މަޖިލިސް ތެރެއިން ވެރިކަމުގެ ނިޒާމު ބަރުލަމާނި ނިޒާމަށް ފޮރޮޅާލުމެވެ. މިވެސް މިއަދު ފެންނަމުންދާ ކަންކަމަށް ބަލާއިރު ކުރުން ދުރުނޫން ކަމެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބަރުލާނީ ނިޒާމު ގެނައުމަށްޓަކައި ކުރެވޭ މަސައްކަތުގައި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަމެއް އިންތިހާއަށް އޮތްކަމަށް ބުނަމުންދިޔަ ނަމަވެސް މިއީ ދެއްކުމަށް ކުރާ ކަމެއްކަމަށް ބުނަމުންދާ ފަރާތްތަކެއްވެސް މަދެއްނޫނެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ރައީސް ނަޝީދާއި، ރައީސް ޞާލިހު ގެންގުޅުއްވާ ވިސްނުން ފުޅަކީވެސް އެއްވިސްނުން ފުޅެއްމަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ޖަމްޕެއް ޖަހައިގެން ބަރުލަމާނީއަކަށް ދެވިދާނެތަ؟

2023 ވަނަ އަހަރު މިހާރު މިއޮތް ނިޒާމުގެ ތެރެއިން ވެރިކަމަށް ކުރިތިލައިގެން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ނުވާނެކަމުގެ ޔަގީންކަން އެމްޑީޕީއަށްވެސް އެބައޮތެވެ. އަދި މިހާރު އޮތް ކޯލިޝަންވެސް ތާއަބަދު އޮންނާނެކަމަށްވެސް ގަބޫލެއް ނުކެރެވެއެވެ. އެހެންކަމަށްވާނަމަ އެމްޑީޕީއަށް ވެރިކަމުގައި ދެމިއޮވެވޭނެ ހަމައެކަނި މަގަކީ ބަރުލަމާނީ ނިޒާމަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކޮށްލުމެވެ. އެކަންކުރެވިއްޖެނަމަ ރައީސް ނަޝީދު ބޮޑުވަޒީރަކަށް ބަދަލުވެ، ރައީސް ޞާލިހަކީ ރަމްޒީ ގޮތުން ހުންނަވާ ރައީސަކަށް ބަދަލުވާނެއެވެ.

އެމްޑީޕީގެ އަމާޒަކީ ވެރިކަމުގައި ދެމިއޮތުން ކަމަށްވާއިރު، އެކަން ކުރަން އޮތް އެންމެ ފަސޭހަ އަދި އެންމެ ބުއްދިވެރި ގޮތަކީ ބަރުލަމާނީ ކަމާއިމެދު ރައީސް ނަޝީދުވެސް ގަބޫލު ކުރައްވައެވެ. އަދިމިއަދު ހުރިހާ އަމާޒެއް އޮތީ އެމިސްރާބަށް ދިއުމަށް އަމާޒުހިފާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *