އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޑރ. ޝަމްހީދު ނިންމަވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޑރ. ޝަމްހީދު ނިންމަވައިފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2026 05:42
0

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އިއުލާން ކުރައްވައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމްހީދު ވިދާޅުވީ، ﷲ އިރާދަކުރެއްވިއްޔާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދަވައި، އާންމު ރައްޔިތު މީހާއަށް ވެރިކަން ކޮށްދެއްވުމަކީ އޭނާގެ އަމާޒު ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، އިގުތިސާދު ނޭނގޭ ބޭފުޅުން ވެރިކަން ކުރެއްވުމުގެ ސަބަބުން ރާއްޖެ މިހާރު އޮތީ ބަނގުރޫޓުވުމާ ގާތުގައި ކަމަށެވެ. އެގޮތުން ޑިމޮކްރަސީއަށް 18 އަހަރު ފުރުނު އިރު، 500 ބިލިއަން ރުފިޔާ ހޭދަކޮށް، 160 ބިލިއަން ރުފިޔާއިން ގައުމު ދަރަނިވެރިވެފައިވާ ކަމަށާއި، އެހާ ބޮޑު ހޭދައެއް ކުރި ނަމަވެސް ރައްޔިތުންގެ އުންމީދުތައް ހާސިލުނުވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކުން ދިޔައީ ވެރިންނާ ގާތް މީހުންނަށް ނާޖާއިޒު މަންފާ ހޯދައިދެމުން ކަމަށާއި، ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށް ވެސް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.