މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ފުރާވަޑައިގެންފިއެވެ.
މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް، އިޖާބަ ދެއްވައި ކުރެއްވި ދަތުރުފުޅެކެވެ.
ހޯމަ ދުވަހުގެ ރޭ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ރަސްމީ އިއްޒަތުގައި ބޮޑުވަޒީރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެގޮތުން، އިއްޒުއްދީން ފާލަމުން މަރުހަބާ ދެންނެވުމަށްފަހު، 21 ބަޑީގެ ސަލާމެއް އަރުވައި، އެމްއެންޑީއެފްގެ ޝަރަފުގެ ގާޑެއް އިންސްޕެކްޓް ކުރެއްވިއެވެ. ސްކޫލް ދަރިވަރުންގެ ސަގާފީ ހުށަހެޅުމަކަށްފަހު، ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި، ބެރު ދުންމާރި ތާޅަފިއްޔާ އެކުގައި ހިންގަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދު ރަސްމީ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަވައި، ޒަމާންވީ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރު ކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ދީނީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ދެ ގައުމުގެ ދެމެދު ސޮއިކޮށް، އެއްބަސްވުންތައް ބަދަލުކުރެއްވިއެވެ. މަޝްވަރާތަކަށްފަހު ދެ ލީޑަރުން ވަނީ ގުޅިފައިވާ ޖޮއިންޓް ސްޓޭޓްމަންޓެއް ވެސް މީޑިއާއަށް ދެއްވާފައެވެ.
ބޮޑުވަޒީރުގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމީ ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން ދެ ގައުމުގެ ވެރިން ވަނީ، ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އިސްލާމީ އުހުއްވަތްތެރި ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ކުރިމަގުގައި ވެސް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ