ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދެ ގައުމު ގުޅިގެން "ޖޮއިންޓް ކޮމިޝަނެއް" އުފެއްދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތަށާއި އެމަނިކުފާނުގެ ތަރައްގީގެ ޕްލޭނަށް މެލޭޝިއާ ސަރުކާރުން ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި، ދާދިފަހުން ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމަކީ އޭގެ ހެއްކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ގުޅުމަކީ ސިޔާސީ ގުޅުމަކަށްވުރެ ފުޅާ، ތައުލީމާއި ސަގާފަތާއި އިޖުތިމާއީ ގޮތުން ދެ ގައުމުގެ ރައްޔިތުން ގުޅުވައިދޭ އަހުވަންތަ ގުޅުމެއް ކަމަށެވެ. މެލޭޝިއާއަކީ ގިނަ ދިވެހިންގެ ދެވަނަ ގެ ފަދަ ތަނެއް ކަމަށް ސިފަކުރައްވަމުން، ދިވެހި ދަރިވަރުންނަށް ފަހިކޮށްދެއްވާ ފުރުސަތުތަކާއި، "ގްރެޖުއޭޓް ޕާސް ސްކީމް" ގައި ރާއްޖެ ބައިވެރިކުރުމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ އާއިލާތަކަށް ދެއްވާ ވިސާގެ ލުއިފަސޭހަތަކަށްޓަކައި ރައީސް ވަނީ މެލޭޝިއާ ސަރުކާރަށް އިހުލާސްތެރި ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ