ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމަށް، މަޖިލީހުން ތަޢީދުކުރުމާމެދު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ޚިޔާލު ތަފާތުވެއްޖެއެވެ.
މިކަމުގެ ޚިޔާލު ތަފާތުވެ ވަކިގޮތެއް ވަނީ ނުނިންމިފައެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ކަމާގުޅުންހުރި މިނިސްޓަރު އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއިން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ، އެ މާއްދާގައިވާ ގޮތުގެމަތިން، އެއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ހިމަނާފައިވެއެވެ. އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ.
ކޮމިޓީން ގެނެސްފައިވާ އިސްލާހު ގައި ބުނެފައިވަނީ ޢާންމު ޞިއްޙަތަށް ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައެވެ. އަދި އާާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ އެކަން ވަޒީރަށް އަންގައި، އެކަމުގެ ލަފާ ވަޒީރަށް ދިނުމަށްފަހު އެކަން ލަސްނުކޮށް ވަޒީރު ރައީސަށް އެކަން ހުށަހަޅަންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށް ނިންމުމާއި ގުޅިގެން، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އއުލާންކުރުމުގެ ބާރު ރައީސްއަށް ދިނުމުގެ އިޞްލާހާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.
އެ ބައްދަލުވުމުގައި މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ، ބައްދަލުވުން ވަނީ ހޫނުވެފައެވެ. އަދި ވަކިގޮތެއް ނިންމިފައެއްނުވެއެވެ.
ރޭ ބޭއްވި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ސިއްޙީ ކުްލި ނުރައްކަލުގެ ހާލަތު ރައީސްއަށް ދިނުމަށް ނުވަތަ މިހާރު އޮތްގޮތަށް ބޭއްވުމަސްވެސް ވަކި ކޮޅަކަށް އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ. އެހެންކަމުން މިއަދު ފާސްކުރުމަށް މަޖިލީހުން އެޖެންޑާކޮށްފައިވާ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލުމުގެ ފުރުޞަތުވެސް ބޮޑެވެ.
މިއިސްލާހު ފާސްވެއްޖެ ނަމަ، ދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑި އިރު ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެއެވެ.
ކޮމެންޓު ފޮނުވާ