މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެމެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤްު ހުށަހެޅުއްވި މަތީ ތަޢުލީމާއި ބެހޭ ބިލުގައި ވަނީ މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނިޓަރކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށާއި، ދިރާސާ ކުރުމާއި އަދި އެކި ތަމްރީންތައް ކުރިއަށްދާނެ ގޮތްތައް ބަޔާންކޮށްފައެވެ. އެގޮތުން މަޖިލީހުން ފާސްކުރެއްވި ބިލުގައި ވަނީ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއްކަމަށެވެ. އެގޮތުން އެފަދަ ކުށެއްގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީވެސް ކުށެއް ކަމަށާއި، އެފަދަ ކަމެއްކޮށްފިނަމަ އެފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މަޖިލީހުން ފާސްކުރެއްވި ބިލުގައިވެއެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިންގިތޯ ބެލުމަށް، އެކަށިގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެކަމަށްވެސް މަތީ ތަޢުލީމްގެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެފަދަ އަމަލެއް ދަރިވަރު ހިނގައިފިނަމަ އެފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އެޅޭނެ ކަމަށް ބަޔަންކޮށްފައިވެއެވެ.
މިގޮތަށް ބިލްގައި ހިމަނާފައިވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތަކާއި އެސައިންމަންޓައް އެހެން މީހުން މެދުވެރިކޮށް ކުރުން އާންމުވެފައިވާތީ އެކަން ހުއްޓުވުމުގެ ގޮތުންކަމަށެވެ. އެހެން މީހުން ލައްވާ އެ މަސައްކަތްކުރުމުގެ ސަބަބުން އެ މަސައްކަތުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މަތީ ތަޢުލީމްގެ ފެންވަރު އެކަމުގެ ސަބަބުން ދަށްވާކަމަށްވެސް ބިލުގައިވެއެވެ.
މަތީ ތަޢުލީމުގެ ބިލުގައި އެގޮތަށް ހިމަނައި މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމެންޓު ފޮނުވާ