ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަރައިގަނެ ފޭރޭ ވައްތަރަށް ކަންކަން ނުކުރުމަށް ގައްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޒާހިރު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ދަނޑުވެރިން އުފައްދާ ބާވަތްތަކަށް މާކެޓް ހޯދައިދިނުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ކުންފުންޏަށް ދަނޑުވެރިކަންކުރުމަށް ގދ.ގަން ސަރުކާރުން ވަނީ ދީފައެވެ. ގދ.ގަމަކީ ގައްދޫއާއި ވަަރށް ކައިރީގައި އޮންނަ ބިން ބޮޑު ގުދުރަތީ މުއްސަނދިކަން ބޮޑު ރަށެކެވެ.
ގައްދޫގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ގަން، އެގްރޯ ކުންފުންނަށް ދިނުމާއި ދެކޮޅަށް މަޖިލީހުގައި މއިަދު ވާހަކަފުޅު ދައްކަވަމުން ގައްދޫ ޑާއިރާގެ މެންބަރު އަޙްމަދު ޒާހިރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން "އަރައިގަތުމަކީ" ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. ޒާހިރު ވިދާޅުވީ، ގަން އެގްރޯޯ ކުންފުންޏަށް ދިނުމަކީ އެ ދާއިރާގެ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމެއް ނޫންކަމަށެވެ. ޒާހިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ކުންފުނިތައް ހަދައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަރައިގަތުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ޤަބޫލުކުރާ ގޮތެއްނޫން. އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް އަރައިގަނެގެން އެމީހުން ކުރާ ވިޔަފާރީގެ ތެރެއަށް ވަދެގެން އެ މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކަމުދާކަމެއް ނޫން. ގައްދޫ ދާއިރާގެ އިޙްތިޞާސްގައި ހިމެނޭ ގަން އެގްރޯ ކުންފުންޏަށް ދިނުމަކީ ގައްދޫ ރައްޔިތުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމެއްނޫންކަން އަޅުގަނޑު ދަންނަވަން. އަޅުގަނޑު ސަރުކާރަށް ދަންނަވަން މިކަހަލަ ފޭރޭ ވައްތަށް ކަންކަން ނުކުރައްވާށޭ. އެއީ މިއީ ވަރަށް ބޮޑު ގޯހެކޭ. ރައްޔިތުން ހިތްހަމައެއް ނުޖެހޭ ކަންކަން މިގޮތަށް ދިޔާމަކާއެއް.
– އަޙްމަދު ޒާހިރު
އޭނާގެ ވާހަކަފުޅުގައި ވަނީ ދައުލަތުގެ ވަޒީރުންނަށްވެސް ފާޑުވިދާޅުވެފައެވެ. ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށްވެސް ޒާހިރު ގޮވާލެއްވިއެވެ.
ސަރުކާރުގައި ތިބި މިނިސްޓަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ރައިސުލްޖުމްހޫރިއްޔާގެ ވައުދެއް ގައްދޫ ކައުންސިލާ ގަން ހަވާލުކުރުމަކީ. އެ ވައުދު ފުއްދަވާދެއްވާށޭ.
– އަޙްމަދު ޒާހިރު
ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވަ އެގްރޯ ކުންފުންޏަށް ދަނޑުވެރިކަންކުރުމަށް ސަރުކާރުން 3 ރަށެއް ދިނުމުން އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް ހިތްހަމަ ނުޖެހުން ފާޅުކޮށް އެކަމާއި ފާޑުވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ