އިންތިޚާބުގައި ވާދަކުރި ސިވިލް ސާރވިސް މުވައްޒަފުން، ދާއިމީ ނަތީޖާ އޮފީހަށް އަންގަން އެދެފި

އިންތިޚާބުގައި ވާދަކުރި ސިވިލް ސާރވިސް މުވައްޒަފުން، ދާއިމީ ނަތީޖާ އޮފީހަށް އަންގަން އެދެފި

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2021 08:54
0

ނިމިދޔަ އިންތިޚާބުގައި ވާދަކުރި  ސިވިލް ސަރވިސް މުވައްޒަފުން، ނަތީޖާ ޢިއުލާންކުރުމުން އެކަން އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް އެންގުމަށް ސިވިލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ސިވިލް ސަރވިސްއިން ޢާއްމުކުރި ސަރކިއުލައެއްގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ސިވިލް ސަރވަންޓުންގެ ތެރެއިން ހޮވުނު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ ޢިއުލާންކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަން އެމުވައްޒަފަކު މަސައްކަތްކުރާ އޮފީހަކަށް ލިޔުމުން އަންގަންވާނެކަމަށާއި، ވާދަކުރި ސިވިލް ސަރވަންޓުންގެ ތެރެއިން ނުހޮވޭ މީހުން އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ ޢިއުލާންކުރުމާއެކު އެކަން އެމީހަކު މަސައްކަތްކުރާ އޮފީހަކަށް އެނގުމަށް އެދޭކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުންވަނީ ޢިއުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރި ގިނަބަޔަކު ދެން ޢަމަލުކުރަންވީ ގޮތް ސާފުނުވެގެން ސިވިލް ސަރވިސްއަށް ގުޅަމުން އަންނަކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މިވަގުތު އިންތިޚާބުގެ ނަތީޖާއިން އެމީހަކު ހޮވިފައިވާނަމަ އަދި ނުހޮވޭނަމަ އެކަންވެސް ވީ އެންމެ އަވަހަކަށް މަސައްކަތްކުރަމުން ދިޔަ އޮފީހަކަށް އެންގުމަށް ސީއެސްސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިންތިޚާބުގައި ވާދަކުރުމަށް ހުށައެޅި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވަނީ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަ އިންތިޚާބު ބޭއްވުމަށް ޢިއުލާންކުރުމާއެކު މިދިޔަ އަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން 200އަށްވުރެ ގިނަ ސިވިލްސަރވަންޓުން އަލުން ވަނީ އިންތިޚާބު ފަސްކުރުމާ ގުޅިގެން ސަސްޕެންޝަން އުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.