އޭލެވެލް އިމްތިހާން 2800 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. މިއަދު ފަށާފައިވަނީ މިއަހަރުގެ މެއި މަހާއި ޖޫން މަހު ބޭއްވުމަށް ކުރިން ހަމަޖެއްސި އެޑެކްސެލް އޭލެވެލް އިމްތިހާނެވެ.
މިއަހަރުގެ މެއި ޖޫންގައި ބޭއްވުމަށް ހަމަޖެއްސި އޭ ލެވެލް އިމްތިހާނު އަވަސްކޮށްފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާތީއެވެ. މިބަދަލު ގެނެސްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާ ކުރިން މަޝްވަރާކުރުމެއްނެތި ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިފަހަރުގެ އޭ ލެވްލް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 2821 ދަރިވަރަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނެއެވެ.
އޭ ލެވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 44 މަރުކަޒެއްގައި ކުރިއަށްދާނެއެވެ. އެއީ މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައެވެ. މި އިމްތިހާން އަންނަމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
އޭ ލެވެލް އިމްތިހާނު ބާއްވާ ތާރީޚަށް ބަދަލު ގެނައުމާގުޅިގެން އެޗް.އެސް.ސީ އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާން ނިމޭތާ އެއްމަސް ފަހުންނެވެ. މިގޮތުން ޖޫންމަހުގެ 13 އިން 17 އަށް އެޗް.އެސްސީ އިމްތިހާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ކުރިން އޭ ލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެ އިމްތިހާނު ނިމޭނީ ޖޫން މަހުގެ 17 އަށެވެ. އޭ ލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ނިންމުމާގުޅިގެން މާރިޗުމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މިއިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަން ހުޅުވާލިއެވެ.
މިއަހަރުގެ މެއި، ޖޫންގައި އޭއެސް، އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަންއިން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް އެ އިމްތިހާނު ރާއްޖޭގައި ބާއްވަން ފަހުން އެޑެކްސަލްއިން ނިންމިއެވެ. ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މިދިޔަ އަހަރު ނުބާއްވާ ފަސްކުރި އެސްއެސްސީ އަދި އޯލެވެލް އިމްތިހާން އަންނަ މަހުގެ2ގައި ފެށޭނެއެވެ.
ކޮމެންޓު ފޮނުވާ