އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ކުޜީގެ ނާއިބު ރައީސް އަދީބާއި އެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެކަމަށާއި، ޑިލެއް ހެދިއްޔާ ހަދާފައިވަނީ ރައީސް ނަޝީދާއެކުކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޥާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާލުވީ، ރައީސް ނަޝީދަށް ތާޢިދުކުރައްވާ މެންބަރުން، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކެނޑިނޭޅި އެތުހުމަތުތައް އަޅުއްވަމުން ގެންދަވާކަމަށާއި، ސައިކޮޓަރިއާއި އެނޫންވެސް ތަންތަނުގައި އެތުހުމަތު އަޅުއްވާތީ މިއަދު އެކަން ސާފުކޯށްދެއްވަން ބޭނުންފުޅުވާކަމަށެވެ. ޝަރީފަށް ކޮރަޕްޝަންގެ އެންމެބޮޑަށް ތުހުމަތުކުރައްވަނީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލަތް) ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ވިޕާއި އެއްވެސް ކަމެއްގައި ޚިލާފްވެފައި ނުވާނެކަމަށެވެ. ކޯފާ އިސްކުރައްވައިގެން ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައިވެސް އަދި އަދީބުއާއިވެސް އެއްވެސް ޑީލެއް ހައްދަވާފައިނުވާނެކަމަށެވެ. މަޖިލީހުގައި ވަކިގޮތަކަށް ވޯޓު ދެއްވާފައިވާނަމަ ދެއްވާފައިވާނީ ރައީސް ނަޝީދު އެދިވަޑައިގަތްގޮތަށްކަމަށާއި، ޑީލެއް ހައްދަވާފައި އޮތްނަމަ އޮންނާނީ ރައީސް ނަޝީދާ އެކުކަމަށްވެސް ޗަރީފް ރިޔާސަތަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.
އެމްޑީޕީން އޭރު ވޯޓު ދިނީ މަނިކުފާނު ބަންދުގައި ހުރީމަ މަނިކުފާނު ބަންދުން ސަލާމަތް ކުރަން. ޕާޓީއާ ހިލާފް އެއްވެސް ހުށަހެޅުމެއް މީގެ ކުރިން މަޖިލީހަށް ހުށަހަޅާފައެއް ނޯންނާނެ. އަދި އަހުމަދު އަދީބާއި އެކު ޑީލެއް ނަހަދަން. އަދި އޭނާއާ ގުޅިގެން މަޖިލީހަށް އެއްވެސް އެއްޗެއް ހުށަހަޅާފައެއް ވެސް ނޯންނާނެ. ފައިސާ ހޯދައިފައެއް ނޯންނާނެ.ޑީލް ހެއްދެވީ މަނިކުފާނު! އަޅުގަނޑު އެއްވެސް ޑީލެއް ހަދާފައި ނޯންނާނެ!
– އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ޝަރީފް ވިދާޅުވީ، ދައްކަން ބައިވަރު ވާހަކަ އެބަހުރިކަމަށާއި، އެ ވާހަކަތައް ދެއްކުމުން ފަޞީހަތްވާނީ އެމްޑީޕީކަމަށެވެ. ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ޝަރީފްގެ މައްޗަށް ބައެއް މެންބަރުން ކުރައްވަމުން ގެންދަވަނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަނޑިޔާރުންގެ ޤާނޫނަށް ޝަރީފް ހުށައެޅުއްވި އިޞްލާހަކާއި ގުޅިގެންނެވެ. ޝަރީފް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދުކުރުމަށް އިޞްލާހެއް ހުށައަޅާފައެވެ. އަދި އެ އިޞްލާހު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުވެސް ކުރެއްވިއެވެ.
އެ އިޞްލާޙު މަޖިލީހަށް ހުށައެޅުއްވުމަށް ކުރީގެ ނާއިބު ރައިސް އަޙްމަދު އަދީބު، ޝަރީފަށް 20 މިލިއަންރުފިޔާ ދިންކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ