އެމްއެމްޕީއާރުސީގެ މައްސަލަ ސުޕަ މެޖޯރިޓީ އޮވެ ނުބެލުނު، ކޮމިޓީތަކަށް އިތުބާރެއް ނުކުރަން: އީވާ

އެމްއެމްޕީއާރުސީގެ މައްސަލަ ސުޕަ މެޖޯރިޓީ އޮވެ ނުބެލުނު، ކޮމިޓީތަކަށް އިތުބާރެއް ނުކުރަން: އީވާ

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2021 12:51
0

އެމްއެމްޕީއާރުސީގެ ކޮރަޕްޗަންގެ މައްސަލަތައް ބެލުމަށް އެމްޑީޕީއަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކުރާތަން ފެނިވަޑައިނުގަންނަވާކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެމްއެމްޕީއާރުސީގެ މައްސަލަ އަވަހަށް ތަހުގީގްކޮށްދެއްވާ ދައުވާކޮށްދެއްވުން އެދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ޕްރޮސެކިއުޓަރ ޖެނެރަލްއާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާކަމަށް ބުނާ މައްސަލައާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނާއިބު ރައިސް އީވާ ޢަބްދުﷲ ވަނީ މި މައްސަލަ މަޖިލީހުގެ މުޅި ކޮމިޓިއަކުން އަދި މަޖިލީހުގެ ރައީސްގެ ބެއްލެވުމުގެ ދަށުން ބައްލައިވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އީވާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ މަޖިލީހުގައި އޮތް ކޮމިޓީތަކަށް ބެލޭކަމަށް ޤަބޫލު ނުކުރައްވާކަމަށާއި، އެ ކޮމިޓީތަކަށް އިތުބާރު ނެތްކަމަށެވެ.

މިހާރު މިއޮތް ކޮމިޓީތަކަށް ފޮނުވައިގެން މި މައްސަލަ ބެލޭނެކަމަށް އަޅުގަނޑު އިތުބާރެއް ނެތް. އަޅުގަނޑު މިވަގުތު އިތުބާރުކުރަނީ ޚުދު މަނިކުފާނަށް. އެހެންވީމަ އަޅުގަނޑު އެދެނީ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން މިތަޅުމުގައި މި މައްސަލަ ހާމަކަންބޮޑު ގޮތެއްގައި ބައްލަވާދެއްވުން.

– އީވާ ޢަބްދުﷲ

އީވާ ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުގެ ރައީސްއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވައިފިކަމަށެވެ. ނަމަވެސް މަޖިލީހުން އެ މައްސަލަ ކުރިއަށް ނުގޮސް ހުއްޓެނީކަމަށް އީވާ ވިދާޅުވިއެވެ.

ބުނެވޭކަށް ނެތް މަޖިލީހުން އެއްބާރުލުން ދީފިއޭ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާކަށް. އަޅުގަނޑު ހެކިވަން އެއީ އިއްޒަތެތެރި ރައީސް މިކަމާއި ނޫލުއްވައިގެން ނޫންކަން. އިއްޒަތްތެރި ރައީސް މަނިކުފާނަށް ކުރެވެން ހުރި ވަރެއް މަނިކުފާނު ކުރައްވައިފި. ކޮމިޓީތަކަށް މަޢުލޫމާތު ފޮނުވައިފި. ކޮމިޓީތައް ހައްދަވައިފި. ކޮމިޓީތަކުގައި އެދިވަޑައިގެންފި. އެހެންނަމަވެސް ކޮމިޓީތަކަށް ފޮނުވީމަވެސް މިތާ މިހިސާބުގަ ހުއްޓޭކަން އެއީ އިއްޒަތްތެރި ރައީސް އެއީކީއެއް އަޅުގަނޑުމެންނަށް ދެން އޮޅުވާލެވޭނެކަމެއް ނޫން.

– އީވާ ޢަބްދުﷲ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހ ކަމެއް ކުރައްވާނެކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ތިޖޫރިއެއް އަދި އަލަމާރީއެއް ނުހުޅުވާ ނުހުންނަވާނެކަމަށާއި، ކިތައްމެ ބޮޑު މެންބަރަކަށް ވިޔަސް، ކިތައްމެ ބޮޑު ވަޒީރަކަށް ވިޔަސް، ކިތައްމެ ބޮޑު އަމީރަކަށް ވިޔަސް އެ މައްސަލަ ބައްލަވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރީ
އެމް އެމް ޕީއާރު ސީ މައްސަލައިގައި ހިމެނޭ އެންމެންގެ ނަން ހާމަ ނުކުރެވެނީ ކީއްވެތޯ؟ މަޖްލީހުގެ މިދައުރުގެ 46 މެމްބަރުން ހިމެނޭކަމަށް ޕީއެސްއެމް ރިޕޯޓްގައި ބުނޭ!