މަސްތުވާތަކެތީގެ މައްސަލާގައި ޕެސްޓް ހިމެނޭހެން 5 މީހަކަށް ދައުވާކުރަން ކޯޓަށް ފޮނުވައިފި

މަސްތުވާތަކެތީގެ މައްސަލާގައި ޕެސްޓް ހިމެނޭހެން 5 މީހަކަށް ދައުވާކުރަން ކޯޓަށް ފޮނުވައިފި

Author
މުޙައްމަދު ޖިމީ
26 އޭޕްރިލް 2021 12:08
0

މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުޙުމަތުކުރެވުނު މައްސަލާގައިހައްޔަރުކުރި އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު)ހިމެނޭހެން 5 މީހެއްގެމައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވަނީ ފެބުރުއަރީ މަހުގެ28 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫން (30އ) އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމް (26އ) އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (26އ) އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު (23އ) އަދި މ. އަސަރީހަދާން، ޢާއިޝަތު ޙަސްނާ ނާހިދުއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ 13 ފެބްރުވަރީ 2021 ދުވަހު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި މއ. ވީމާގޭގައާއި، ގ. ރިހިއަވިގޭގައާއި، މައްސަލާގައި ދަޢުވާލިބޭ މީހުންނާ ގުޅުންހުރި ތަންތަނުގައި އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުޙުމަތުކުރެވުނު މައްސަލާގައި އަންނަނިވި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލާގައި ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު)ގެ މައްޗަށް ވަނީ 5 ދަޢުވާއެއް އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާއެވެ. އޭނާއަކީ ރާއްޖޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިއެކެވެ.

ލ. ގަން-ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މ. އަސަރީހަދާން، ޢާއިޝަތު ޙަސްނާ ނާހިދުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކެނެބިހުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާއެވެ. ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމްގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ފަސް މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.