އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ޔުނައިޓެޑުންނެވެ. ނަމަވެސް ލީޑްސް ޔުނައިޓެޑުންވެސް ވަނީ އެޓީމަށް ލިބުނު ފުރުޞަތުތަކުގައި ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ލީޑްސްގެ ގޯލްކީޕަރު އިލާން މެލިއޭ ވަނީ ދިފާޢުކޮށްފައެވެ.
މި މެޗުން ޔުނައިޓެޑް އެއްވަރުވުމާ ގުޅިގެން، ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލީގު ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ފަސް މެޗުން ބޭނުންވަނީ ހަ ޕޮއިންޓެވެ. ސިޓީ އާއި ޔުނައިޓެޑުންވެސް މިހާތަނަށް 33 މެޗު ކުޅެފައިވާއިރު، ސިޓީ އެއްވަނައިގައި އޮތީ 77 ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެވަނައިގައި ޔުނައިޓެޑް އޮތީ 67 ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ޔުނައިޓެޑާ އެއްވަރުކުރި ލީޑްސް އޮތީ ތާވަލުގެ ނުވަވަނައިގައި 33 މެޗުން 47 ޕޮއިންޓާއެކުއެވެ.
ލީޑްސް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ އިތުރުން އަދި އިތުރު 3 މެޗެއް ޕްރިމިއާ ލީގުގައި މިރޭ ވަނީ ކުޅެފައެވެ.
އެގޮތުން ޝެފީލްޑް ޔުނައިޓެޑާއި ބްރައިންޓަން ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޝެފީލްޑް ޔުނައިޓެޑެއެވެ. މެޗުގައި ޝެފީލްޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑޭވިޑް ގޯލްޑްރިކްއެވެ.
ވުލްވްސް އާއި ބާންލީ ބައްދަލުކުރި މެޗު 0-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާންލީއެވެ. އެޓީމުން މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ، ކްރިސް ވުޑް އަދި އޭޝްލީ ވެސްޓްވުޑްއެވެ. މި މެޗުގައި ކްރިސް ވުޑް ވަނީ 3 ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އެސްޓަން ވިލާ އާއި ވެސްޓް ބްރޮމްއެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.