އުޅަނދު ރަޖިސްޓްރީކުރަން ގަރާޖެއްގެ ލިޔުން ބޭނުންނުވާގޮތަށް ކޮމިޓީން ފާސްކޮށްފި

އުޅަނދު ރަޖިސްޓްރީކުރަން ގަރާޖެއްގެ ލިޔުން ބޭނުންނުވާގޮތަށް ކޮމިޓީން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2021 03:36
0

ގަރާޖެއްގައި އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަނާޅާ އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ނިންމައިފިއެވެ.

މިހާރު ޤާނޫނު އޮންނަގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށައަޅާނަމަ، އެ އުޅނަދެއް ބާއްވާނެކަމުގެ ގަރާޖެއްގެ ލިޔުން ހުށައަޅާންޖެހެއެވެ. އަދި އެއްގަމު އުޅނަދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައެޅޫއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހުއެވެ. ފަލާހު ހުށައެޅުއްވި އިޞްލާހުތައް ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ  ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއް، ނުވަތަ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ. އަދި ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެލިޔުން ހުށަހެޅުން ލާޒިމެއް ނޫންކަމަށްވެސް ކޮމިޓިން ގެނައު އިޞްލާޙުގައިވެއެވެ.

އެގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވާރަށްބޮޑަށް ދިމާވި މައްސަލައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.