ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ހަތަރުވަނަ މަޤާމަށް ކްލަބް އީގަލްސް ޖެހިލައިފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު އީގަލްސްއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އީގަލްސް އިން ލަނޑު ޖަހާ ލީޑު ނެގިފަހުން ޓީސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކޮށް ގޯލާއި އަމާޒުކޮށް ދެތިން ހަމަލާއެއްވެސް ފޮނުވާލާފައެވެ.
މި މެޗުގައި އީގަލްސްއިން ލީޑު ފުޅާކުރި ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އިމްރާން ނަޝީދު (އިންމަ) އެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ފަރަގު ކުޑަކުރަން ޓީސީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކޯޑެލް ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ގޯލްކީޕަރު ތޯހާ ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި އީގަލްސްއިން ޖެހި ތިންވަނަ ލަނޑު މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ނާއިމްއެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައަށް އީގަލްސް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 12 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ފުލުން ދެވަނައިގައި ޓީސީ އޮތީ 14 މެޗުން 13 ޕޮއިންޓާއެކުއެވެ.
މި މެޗާއެކު ޓީސީ ސްޕޯޓްސް ކްލަބަށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ މެޗުތައް ނިމުނީއެވެ. ނަމަވެސް ކްލަބް އީގަލްސްއަށް އަދި ބާކީ ދެ މެޗު ކުރިޔަށް އެބައޮތެވެ. އެއީ އަންނަ ބުދަ ދުވަހު ކްލަބް ވެލެންސިއާ އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗާއި އަންނަ މަހުގެ ދެވަނަ ދުވަހު ލީގުގެ އެއްވަނައިގައި މިވަގުތު އޮތް މާޒިޔާ އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗެއެވެ.
ކޮމެންޓު ފޮނުވާ