ކައުންސިލް އިންތިޚާބު: އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމްއަށް 325 ގޮނޑި

ކައުންސިލް އިންތިޚާބު: އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމްއަށް 325 ގޮނޑި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2021 12:27
0

ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް 400 ގޮނޑި އަދި އިދިކޮޅޫ ޕީޕީއެމްއަށް 325 ކާމިޔާބުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެނޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ 400 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގެ 4 ސިޓީގެ ތެރެއިން 3 ސިޓީއެއްގެ މޭޔަރުގެ މަޤާމު ކާމިޔާބުކުރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެޕާޓިން ވަނީ ސިޓީ ކައުންސިލްތަކުގެ 18 ގޮނޑިއާއި، އަތޮޅު ކައުންސިލްތަކުގެ ރައީސްގެ 11 ގޮނޑި، ރަށު ކައުންސިލްތަކުގެ ރައީސްގެ 71 ގޮނޑި، ކައުންސިލް މެންބަރުންގެ 155 ގޮނޑި އަދި ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ތެރެއިން 142 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިއީ މުޅި އިންތިޚާބުގެ 43% އެވެ.

އިންތިޚާބުގައި ޕީޕީއެމް އިން ވަނީ 325 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއާއި، ސިޓީ ކައުންސިލްތަކޔގެ މެންބަރުންގެ 16 ގޮނޑިއާއި، އަތޮޅު ކައުންސިލްތަކުގެ ރައީސްގެ 7 ގޮނޑިއާއި، ރަށު ކައުންސިލްތަކުގެ ރައީސްގެ 51 ގޮނޑިއާއި، ކައުންސިލް މެންބަރުންގެ 121 ގޮނޑި އަދި އަންހެނުންނަށް ޚައްޞަ ގޮނޑީގެ ތެރެއިން 129 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ މި އިންތިޚާބުގެ %34.9 އެވެ.

އެމްޑީޕީއާއި ޕީޕީއެމްއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިތާބު ކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ހިމެނެނީ ސިޓީ ކައުންސިލް މެންބަރުކަމުގެ 3 ގޮނޑިއާއި، ރަށު ކައުންސިލްގެ ރައީސްގެ 37 ގޮނޑިއާއި، ކައުންސިލް މެންބަރުކަމުގެ 71 ގޮނޑިއާއި، ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞަ 62 ގޮނޑިއެވެ. މިއީ މުޅި އިންތިޚާބުގެ %13.5އެވެ.

ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރެވުނީ ޖުމްހޫރީ ޕާޓީއަށެވެ. އެޕާޓިން ވަނީ މިފަހަރުގެ އިންތިޚާބުގައި ސިޓީ ކައުންސިލްގެ މެންބަރުކަމުގެ 1 ގޮނޑިއާއި، ރަށު ކައުންސިލްގެ ރައީސްގެ 3 ގޮނޑިއާއި، ކައުންސިލް މެންބަރުންގެ 7 ގޮނޑީގެ އިތުރުން އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ތެރެއިން 15 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ޖުމަލް 26 ގޮނޑި ޖުމްހޫރީ ޕާޓިން ކާމިބުކުރިއިރު މިއީ އިންތިޚާބުގެ %2.8އެވެ.

އެމްޑީއޭއަށް މި އިންތިޚާބުގައި ކާމިޔާބުކުރެވިފައިވަނީ ޖުމްލަ 16 ގޮނޑިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށު ކައުންސިލްގެ ރައީސްގެ 3 ގޮނޑިއަކަށާއި، ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚައްޞަ 8 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %1.1އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިއަށް ކާމިޔާބުކުރެވުނީ 13 ގޮނޑިއެކެވެ. އެއީ ރަށު ކައިންސިލްތަކުގެ ރައީސްގެ 5 ގޮނޑިއަކާއި، ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚާއްޞަ 5 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %0.7 އެވެ.

މީގެ އިތުރުން ދާދިފަހުން އުފެދުނު އެމްއެލްއެސްޑީޕީއަށްވެސް މިފަހަރުގެ އިންތިޚާބުގައި ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞާ ގޮނޑިއެކެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، އިންތިޚާބުގައި ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.