ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ލީގު ތާވަލްގެ ފަސްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ދަ ގްރާންޑޭގެ މައްޗަށް ސަސް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު ތާވަލުގެ ފަސްވަނައަށް ސަސް ޖެހިލިއިރު، އެ ޓީމަށް ކުޅުނު 14 މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. އަދި މެޗުން ބަލިވި ދަ ގްރާންޑޭ ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު 14 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ.
ފުރަތަމަ ބުރުގައި މޮޅު ކުޅުމެއް ދެއްކި ދަ ގްރާންޑޭ ދެ ވަނަ ބުރު ނިންމާލަން ޖެހުނީ އެންމެ ފަހުން ކުޅުނު ހަ މެޗުން މޮޅެއް ނުލިބިއެވެ. އަދި ރޭގެ މެޗުން ބަލިވުމާއެކި އެ ޓީމު ޖެހިޖެހިގެން ހަތަރު މެޗުން މިވަނީ ބަލިވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސުޕަރ ޔުނައިޓެޑް ސްޕޯޓްއިންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ނަޝާހް އަހުމަދު (ނައްޓު) އެވެ. ނަޝާހް މި ލަނޑު ކާމިޔާބުކޮށްދިނީ، ސަސްގެ ޖަޕާން މިޑްފީލްޑަރު އެއިސޫކޭ މޯރީ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މުޙައްމަދު ރަޝީދު (ހޮކޭ) ވަނީ ސަސްއަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ޖެހި ހަމައެކަނި ލަނޑު 57 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޔަސްފާދް ހަބީބު (މުލަކޭ) އެވެ. މި ލަނޑަށްފަހު ގްރާންޑޭއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޓީސީއެވެ.
ކޮމެންޓު ފޮނުވާ