މަސްތުވެގެން ދީނަށް ފުރައްސާރަ ކުރި އިންޑިޔާ މީހާ ޑީޕޯޓްކޮށްލުމުން ސަރުކާރަށް ހެޔޮބަހެއް ބުނެލާނެ މީހަކު ނުވިކަމަށްބުނެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ކުރިމަތިލައްވާ އަލްހާން ފަހުމީ އިދިކޮޅަށް ފާޑުވިދާޅުވެއްޖެ އެވެ.
"ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާ ޑީޕޯޓްކޮށްލައިފި" މިކަމާއި ގުޅިގެން ޚަބަރު އޮންލައިންގައި ލިޔެފައިވާ ޚަބަރު ޓުވީޓް ކުރައްވާ އަލްހާން ވިދާޅުވީ އިންޑިއާ މީހާ ޑީޕޯޓް ކުރުމުން ސަރުކަރަށް ހެޔޮ ބަހެއް ބުނެލާނެ އިދިކޮޅު ސިޔާސީ މީހެއްވެސް ނެތް ކަމަށެވެ. އަދި ހެވަސް ނުބަޔަސް ދެކޮޅުވެރިވެ ޖެއްސުން ކުރުމުގެ ސަގާފަތް ދޫކޮށްލަންވެއްޖެ ކަމަށް އަލްހާން ވިދާޅުވިއެވެ.
"ހެވަސް ނުބަޔަސް ދެކޮޅުވެރިވެ ޖެއްސުން ކުރުމުގެ ސަގާފަތު ދޫކޮށްލަންވެއްޖެ. ތަހުޒީބު ޒިންމާދާރު އޮޕޮޒިޝަނެއް ބޭނުން!"
– އަލްހާން
މިމަހުގެ ދެވަނަ ދުވަހު އަބަދަށްފެހި މަގުގައި މަސްތުވެގެންހުރި ހާލުގައި ދީނަށް ފުރައްސާރަކޮށްފައިވަނީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ އިންޑިއާ ޑޮކްޓަރެކެވެ. މިމައްސަލާގައި އޭނާ ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ކޯޓުން އޭނާގެ ބަންދު އިތުރުކޮށް ނުދިނުމުގެ ސަބަބުން އޭނާ ދޫކޮށްލިނަމަވެސް އެމައްސަލަ ތަޙްގީގްކުރަމުން އަންނަކަން ފުލުހުން ހާމަކޮށްފައިވެއެވެ.
އޭނާ އަނބުރާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި ވަރަށް ގިނަ ބައެއްގެ ފާޑުކިއުންވެސް އަމާޒުވެގެން ދިޔައެވެ.
ކޮމެންޓު ފޮނުވާ