ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީން ވަރުގަދަ ވެލެންސިއާގެ މައްޗަށްވެސް ކުރި ހޯދައިފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ޔޫވީ ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ޔޫވީ ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެއެވެ.
މިފަހަރުގެ ލީގުގައި ޔޫވީއަށް މޮޅެއް ލިބުނީ ދެވަނަ ބުރުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އެ މެޗަށްފަހު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ދެކޮޅަށް ކުޅުނު މެޗުވެސް ކާމިޔާބުކުރުމަށްފަހު ރޭ މިވަނީ ލީގުގެ ދެވަނައިގައި އޮތް ކްލަބް ވެެލެންސިއާވެސް ބަލިކޮށްފައެވެ.
މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 29 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހައި، ލީޑު ނަގައިފައެވެ. އަލީ އަޝްފާގުގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިންނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޔުވީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އަލުން ލީޑު ނަގަން ވެލެންސިއާއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ އަކުރަމް އަބްދުލް ޣަނީ (އަކޫ) އަށެވެ. އެކަމަކު އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ޔޫވީގެ ގޯލްކީޕަރު ނާޖިހް އަލީ ވަނީ ދިފާއުކޮށްފައެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ޔޫވީން ވަނީ ލީޑު ނަގައިފައެވެ. އިސްމާއިލް އީސަ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އާރިފްއެވެ. ޔޫވީގެ ތިންވަނަ ލަނޑު އެކަމަކު މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އެނަޓޯލީއެވެ.
މި ނަތީޖާއާއެކު ތާވަލުގެ ހަތްވަނައަށް ޔޫވީ ޖެހިލިއިރު، އެ ޓީމަށް ކުޅުނު 14 މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. އެއާއެކު ތާވަލުގެ ފުލަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް( ސަސް) ވެއްޓުނުއިރު، އެ ޓީމަށް ވަނީ 13 މެޗުން 12 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ޔޫވީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ޔޫވީ އަތުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ބަލިވުމުން މާޒިޔާގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ފުޅާވެފައެވެ.
ކޮމެންޓު ފޮނުވާ