ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފައިދާހުރި މަގަށް ބައްޓަންކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ފުލުހުންގެ ބޯޑުގެ ރައީސްކަމަށް އައްޔަން ކުރި އަލީ ފާއިޒު އަށާއި، ނާއިބް ރައީސް އަހުމަދު ފާއިޒު އަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓުގައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުުހުންގެ ބޯޑަކީ އެމުވައްސަސާގެ ޚިދުމަތް ހަރުދާނާކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދޭތަނަކަށް ހެދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބޯޑެއްކަމަށެވެ. އަދި މިއަދު އައްޔަން ކުރެވުނު ބޯޑުގެ އިސް މަޤާމުތަކާއިއެކު ރަނގަޅު މިސްރާބަކަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
ޕޮލިސް ބޯޑުގެ ފުރަތަމަ ރައީސް އަލީ ފާއިޒު އަށާއި، ނާއިބް ރައީސް އަހުމަދު ފާއިޒު އަށް މަރުހަބާ. ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފައިދާހުރި މަގަށް ބައްޓަންކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު. މިއަދު އިންތިޚާބުވި ރިޔާސަތާއިއެކު އެމަޤަށް މިސްރާބު ހިފާނެކަމަށް ޔަގީން ކުރަން.
– އިމްރާން ވިދާޅުވިއެވެ.
“ޕޮލިސް ބޯޑު”ގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ