21 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކުރި ރާއިފް އޯޓިސްޓިކް ކަމަށް ބުނެފި

21 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރުކުރި ރާއިފް އޯޓިސްޓިކް ކަމަށް ބުނެފި

Author
އަހުމަދު
10 ޖުލައި 2026 04:28
0

މިދިޔަ މޭ މަހު 21 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ލ.ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރާއިފް (27އ) އަކީ އޯޓިޒަމް ހުންނަ މީހެއް ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ރާއިފްގެ ދިފާއުން ކޯޓުގައި ފާހަގަކުރި ގޮތުގައި، އޭނާ ކުޑައިރުއްސުރެ ވެސް ދިޔައީ އޯޓިޒަމަށް ފަރުވާ ހޯދަމުންނެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން ރާއިފްގެ ނަފްސާނީ އެސެސްމަންޓެއް ހަދަން ބޭނުންވާ ކަމަށް ދިފާއުން އެދުނު އިރު، އެ އެސެސްމަންޓް ހަދައި ދިނުމަށް ފުލުހުންނަށް ކޯޓުން ވަނީ އަމުރު ވެސް ކޮށްފައެވެ.

ހަމަ އެ ޝަރީއަތުގައި، ރާއިފް އިތުރު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ރާއިފްއާ އެކު އިތުރު ދެ މީހަކު ވެސް ހައްޔަރު ކުރި އިރު، އެ މީހުންގެ ބަންދުގެ މުއްދަތު މީގެ ކުރިން ވަނީ ޖަހައިފައެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ރާއްޖެ އައި ފުލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމަށްފަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި މާލޭގެ ދެ އެޕާޓްމަންޓެއް ވެސް ބަލައިފާސްކޮށް، އިތުރު 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއިފްއަކީ މީގެ ކުރިން ވެސް ހައްޔަރު ކުރެވި، ބަންދު ކުރެވުނު ރެކޯޑް އޮންނަ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.