ފަނޑިޔާރުންނަށް އިތުބާރު ނެތުމުން މަރުގެ އަދަބާ ޔާމީން ދެކޮޅު

ފަނޑިޔާރުންނަށް އިތުބާރު ނެތުމުން މަރުގެ އަދަބާ ޔާމީން ދެކޮޅު

Author
އަހުމަދު
10 ޖުލައި 2026 04:29
0

ރާއްޖޭގެ ފަނޑިޔާރުގޭގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ފުށުން އަދުލުވެރިކަން ނުފެންނާތީ، މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ކުރީގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ވަކާލާތުކުރެއްވި ބޭފުޅަކީ އެ މަނިކުފާނު ކަމަށާއި، ނަމަވެސް މިހާރު ތިއްބެވި ފަނޑިޔާރުންގެ ފުށުން އަދުލުވެރިކަން ނުފެންނާތީ އެ ވިސްނުން މިހާރު ބަދަލުވެއްޖެ ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒުކުރަން އަޅުގަނޑަކީ ކުރީގައި ވަކާލާތު ކުރި މީހެއް. އެކަމަކު، ފަނޑިޔާރުންގެ އަދުލުވެރިކަން ނެތްތަން ފެނުނީމައި މަރުގެ ހުކުމް ކުރުމާ އަޅުގަނޑު ދެކޮޅު މިހާރު،" ޔާމީން ވިދާޅުވިއެވެ.

މަރުގެ ހުކުމް އިއްވުމުގެ ޒިންމާ މިހާރު ތިއްބެވި ފަނޑިޔާރުންނާ ހަވާލުކުރުމަކީ 'ހެޔޮނުވާނެ' ކަމެއް ކަމަށާއި، އެހެންކަމުން މަރުގެ ހުކުމް ތަންފީޒުކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި ޚާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރައްވަމުން ގެންދަވާ ކަމަށް، މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

އަދި މާރިޗު މަހުގެ ކުރީކޮޅު ވަނީ، ވަކި މިންވަރަކަށް ވުރެ ގިނައިން ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފައެވެ. ނަމަވެސް، މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކަށް މަރުގެ އަދަބު ދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.