އިންޑިއާއާއެކު ކުރެވޭ މަޝްވަރާތަކުން ދެޤައުމަށް ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުވާނެ: ސަޢީދު

އިންޑިއާއާއެކު ކުރެވޭ މަޝްވަރާތަކުން ދެޤައުމަށް ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުވާނެ: ސަޢީދު

Author
އަހުމަދު
10 ޖުލައި 2026 04:31
0

އިންޑިއާއާއި ރާއްޖެއާ ދެމެދު މިހާރު ކުރެވެމުންދާ މަޝްވަރާތަކުގެ ސަބަބުން ދެޤައުމަށްވެސް ފައިދާކުރަނިވި، ދެމެހެއްޓެނިވި ތަރައްޤީއެއް ކަށަވަރުވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، އެކަން ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ކަމަކީ، ދެޤައުމުގެ ދެމެދުގައި ޤާއިމުކުރެވެމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (ފްރީ ޓްރޭޑް އެގްރީމަންޓް) އެންމެ ފަހުގެ ކުރިއެރުންތަކެވެ.

ވަޒީރު ވިދާޅުވިގޮތުގައި، މި އެއްބަސްވުމުގެ އަސާސް ބިނާވެފައި އޮތީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެކުލަވާލެއްވި އޮނިގަނޑުގެ މައްޗަށެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އެ އޮނިގަނޑަށް މިހާތަނަށް ގެނެވުނު ބަދަލުތަކާއި، ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ޕްރައިވެޓް ސެކްޓަރ ފުޅާކޮށް، އައު އިންވެސްޓްމަންޓުތަކަށް މަގުފަހިކުރެވޭނެ ގޮތްތަކާ މެދުގައެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތަޞައްވުރާ އެއްގޮތަށް، ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން، އައު އިޤްތިޞާދީ ޙަރަކާތްތަކުގެ ޒަރީޢާއިން އިތުރަށް ބަދަހިކުރެއްވުމަށްވެސް ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވިދާޅުވާގޮތުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުޙަލާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.