އޯވާ ޑްރާފްޓްގެ މައްސަލަ ދިރާސާކުރަން ދައުލަތުގެ މާލީ ކަންކަމާއި، ޚަރަދުތަކާއި، ބަޖެޓާއި، މިނޫންވެސް ކަންކަން ބެލުމަށް މަޖިލީހުގައި އެކުލަވާލާފައިވާ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ނާޝިޒު ބޭރުކޮށް 9 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ނުފޮނުވުމަށް އިއްޔެވެސް މަޖިލިސް ރައީސް ވަނީ ވަރަށްބޮޑަށް މަސައްކަތް ކުރައްވާފައެވެ. މިކަމާއި ގުޅިގެން ނާޝިޒުގެ ފާޑުކިޔުން ނަޝީދަށް އަމާޒުވިއެވެ. 9 މެންބަރުން ހިމެނޭ ޚާއްޞަ ކޮމިޓީއަކަށް ފޮނުވަން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ހުށައެޅުއްވުމުން، އެ ހުށައެޅުން ފާސްވީ51 މެންބަރުންގެ ވޯޓުންނެވެ.
މިއާއެކު ކޮމެޓީއަށް މެންބަރުން އައްޔަން ކުރުމަށް ރިޔާސަތުން ހުޅުވާލުމުން ބިގޭ ވަނީ 9 މެންބަރުންގެ ކޮމޓީއަށް ހުރިހާ ސިޔާސީ ޕާޓީތަކާއި މިނިވަން މެންބަރުން ހިމެނޭހެން ނަންތަކެއް ހުށައަޅާފައެވެ. އެ ހުށައެޅުމަށް ތަޢީދު ލިބިފައިވަނިކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވަނީ ބިގޭ ހުށައެޅި ނަންތަނުގައި ނާޝިޒްގެ ނަންފުޅު އޮތުމުން އެނަމުގެ ބަދަލުގައި މެންބަރު ބިގޭގެ ނަން ހިމެނުމަށް ހުށައަޅާފައެވެ.
މިއާއެކު ރިޔާސަތުން ވަނީ މެންބަރުންގެ އެއްބަސްވުމާއެކު އެ ނިންމުން އެއްގޮތް ކުރުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު އެހެން ވިދާލުވުމުން ބިގޭ ވަނީ، މި މައްސަލައަކީ އަވަހަށް ނިންމަންޖެހޭ މައްސަލައަކަށްވާތީ މިވަގުތުގެ މަސްލަހަތުކަމަށް ވިދާޅުވެ އޭނާގެ ހުށައެޅުން އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އެ ކޮމިޓިން ނާޝިޒްގެ ނަން ވަނީ އުނިވެފައެވެ.
މިހާރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
1- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
2- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
3- ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
4- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް
5- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
6- މީދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިޔާމް އަޙްމަދު
7- މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
8- މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
9- އަލުފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން
މި9 މެންބަރުން ހިމެނޭ ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ނިންމެވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، މިއަދާއި މިރޭ މި މަސައްކަތް ކޮމިޓީން ކުރުމަށްފަހު އެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާކުރެވޭ ވަރަށް ނިންމައިދިނުމަށް އެދޭކަމަށެވެ. އަދި ޕާޓީތަކުގެ ރުހުން އޮތްނަމަ މާދަމާ ޖަލްސާއެއް ބާއްވާ އެ މަސައްކަތް ފާސްކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެޖެންޑާކުރައްވާނީ އާދީއްތަ ދުވަހަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިއީ މިވަގުތަށް ކޮންމެހެން އަވަސްކުރަން ޖެހޭ މައްސަލައަކަށްވާތީ ޕާޓީތަކުން މާދަމާ ޖަލްސާއެއް ބާއްވާ އެ މައްސަލަ ފާސްކޮށްދެއްވުމަށް އެދޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރުގެ ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ މައްސަލާގައި ވަނީ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ.
ކޮމެންޓު ފޮނުވާ