ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ލޯޖެހި އަހްމަދު މަނިކު އަވަހާރަވެއްޖެއެވެ.
އަހްމަދު މަނިކު މިއަދު އިރާކޮޅުގެ ވަގުތެއްގައި އަވަހާރަވީ ސިއްހީ ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްވަމުން ގެންދަވަނިކޮށެވެ. އަހްމަދު މަނިކު މިމަހުގެ އަށްވަނަ ދުވަހު އިންޑިއާ އަށް ގެންދިއުމުގެ ކުރިން އައިޖީއެމްއެޗްގައި ވެސް ގިނަ ދުވަސްތަކަކު ފަރުވާ ދީފައިވެ އެވެ.
އަހްމަދު މަނިކު އޭނާގެ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް 1982 ވަނަ އަހަރު ފައްޓަވައި އަމިއްލަ ފޯމިއުލާއަކަށް "ތްރީ ޗޮއިސް" ގެ ނަމުގައި މި ފިނި ބުއިން ބާޒާރަށް ނެރެ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދެވިއެވެ. މީގެ ބައި ގަރުނެއްހާ ދުވަސް ކުރިން ރާއްޖޭގައި މަޝްހޫރުކަން ހޯދި ފިނިބުއިމެއް ކަމަށްވާ "ޑޮން ޑޮން" ބަންދުކޮށް ވިއްކުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވައި އޭގެ ފަހުން ވިޔަފާރީގައި ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަންޒަންކޮށް އަހްމަދު މަނިކަށް 2009 ވަނަ އަހަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ސަރުކާރުން ދެއްވައިފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ހޯއްދެވި ކާމިޔާބީގެ އަގުވަޒަން ކުރައްވާ ލޯޖެހި އަހްމަދު މަނިކަށް ޝަރަފްވެރިކަމުގެ އިނާމު ދިވެހި ސަރުކާރުން ދެއްވާފައިވަނީ 2009 ވަަނަ އަހަރުއެވެ.

ލޯޖެހި އަހްމަދު މަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ގަލޮޅު އަވަށުގެ ކުރިއެރުމާއި ތަރައްގީއަށް ވެސް ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވުނު ގިނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ