އޯވާޑްރޯ އިތުރު ކުރުމުގެ މައްސަލައިގައި މަޖިލީހުން ގޮތެއް ނުނިމުނީ ބައެއް ވަޒީރުންގެ ނުފޫޒު މެމްބަރުންނަށް ފޯރުވުމުން ކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މަޖިލީހުން ދީފައިވާ މުއްދަތު ހަމަވާތީ އިތުރު އެއް އަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުން، މާލިއްޔަތު ކޮމިޓީއަށް ދިޔަނުދީ މަޖިލިސް ރައީސް މޭޒުކޮޅުމަތީގައި ޕާކް ކުރުމުން އެކަމާއި ގުޅިގެން ދެކެވޭ ވާހަތަކަށް ރައްދު ދެއްވަމުންނެވެ.
އާޒިމް ވިދާޅުވީ މިކަމުގައި ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި ސީދާ މަޖިލިސްގައި ހިމެނޭ މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް މިކަން ކުރަން އުޅުންކަމަށެވެ. އަދި މިގޮތަށް ކަންކަން ތަކުރާރު ނުކުރުމަށް އާޒިމް ވަނީ ވަޒީރުންގެ ކިބައިން އެދިފައެވެ.
ދައުލަތުގެ ޙަރަދަށް ޒިންމާވުމުގެ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ގޮތެއްނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމް.ޑީ.ޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން. މިގޮތައް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން.
– އާޒިމް ވިދާޅުވިއެވެ.
ޚަބަރު އޮންލައިނާ ވާހަކަ ދެއްކެވި މަޖިލިސް މެމްބަރު ވިދާޅުވެފައިވަނީ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު، މި މައްސަލަ ދިރާސާ ކުރެއްވުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވަން ހުށަހަޅުއްވާފައި ވަނީ، އެގޮތަށް ރައީސް ނަޝީދު އޭނާގެ ގާތުގައި އެދިވަޑައި ގަތުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް، ހަސަން އަފީފުގެ މި ހުށަހެޅުއްވުމަށް ފްލޯރގައި ލިބިގެން ދިޔައީ އެންމެ 12 މެމްބަރުންގެ ތާއީދެވެ. މި ހުށަހެޅުން ފާސްކުރުމަށް ނުފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ. މި ބިލާ އެއްކޮޅަށް މަޖިލިސް ފްލޯގައި ވޯޓު ދެއްވާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ ޕީޖީ ގުރޫގައި ތިއްބެވި، މަޖިލިސް ރައީސްގެ އަރިސް ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން، ޚަބަރު އޮންލައިނަށް މަޢުލޫމާތު ދެއްވި މަޖިލިސް މެމްބަރު ވިދާޅުވެފައިވާ ގޮތުގައި، މަޖިލިހުގެ ސްޓޭންޑިން އޯޑަރ ހަމަޖެހިފައި އޮންނަ ގޮތުން، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ހުށަހެޅުއްވުން ފެއިލްވެގެން ދިއުމާއެކު، ދެން މިމައްސަލަ ދިރާސާ ކުރެއްވުމަށް، ފޮނުއްވުމަށް މަޖިލިސް ރައީސަށް ޖެހިވަޑައިގަންނަވާނީ މާލިއްޔަތު ކޮމިޓީއަށެވެ. ނުވަތަ، މިމައްސަލަ ދިރާސާ ކުރަންޖެހޭނީ މަޖުލީހުގެ ‘ފުލް ހައުސް’ ކޮމިޓީއަކަށް ގޮސްގެންނެވެ.
އެހެންނަމަވެސް، މަޖިލިސް ރައީސް ބޭނުންފުޅުވި ގޮތަށް، ޚާއްސަ ކޮމިޓީއެއް އުފައްދަވައިގެން، ފިނޭންސުން ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމުން، ރައީސްގެ މޭޒުކޮޅު މަތީގައި މައްސަލަ ޕާކް ކޮށްފައި އޮތީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށްވެސް ޚަބަރު އޮންލައިނާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވެފައި ވެއެވެ. ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި، ޚާއްސަ ކޮމިޓީއެއް އުފައްދަވައިގެން، މިމައްސަލަ ދިރާސާ ކުރެއްވުމަށް މަޖިލިސް ރައީސް މަސައްކަތް ކުރެއްވީ، މިމައްސަލަ މާލިއްޔަތު ކޮމިޓީއަށް ދިޔަ ނުދިނުމުގެ މަގުސަދުގައެވެ. މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ.
މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވެފައިވަނީ، މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް މި މަހުގެ 26 ކުރިން ޖަވާބެއް ދިނުން މުހިއްމު ކަމަށެވެ.
ކޮމެންޓު ފޮނުވާ