މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 4،375 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ރޭ ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ދެއްކި ވީޑިއޯ ރިޕޯޓެއްގައި ކައުންސިލުން ބުނީ ދުވަހުން ދުވަހަށް އުފެދޭ ކުނި ގިނަވިޔަ ނުދީ، ރައްކާތެރި ގޮތުގައި ނައްތާލުމަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އެ މަސައްކަތުގެ ދަށުން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، ކުނީގެ މައްސަލައަކީ ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައެވެ. އެއީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ސީދާ ގުޅިފައިވާ ކަމަކަށް ވުމުން ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މާލޭގެ އާންމު ތަންތަނަށް ކުނި އަޅާ މީހުން ހޯދައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން، ކުނި އަޅާ މީހުން ފެންނަ ނަމަ އެކަން ކައުންސިލަށް ރިޕޯޓު ކުރުމަށާއި، އެފަދަ ކަންކަން ކުރާ މީހުންގެ ވީޑިއޯ އާންމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ހަމައެއާއެކު، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގެ 45 މިސްކިތެއްގައި މަރާމާތުގެ ތަފާތު މަސައްކަތްތައް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މާލޭގައި އާންމުކޮށް މީހުން ވަޅުލުމަށް ބޭނުންކުރާ ދެ ސަހަރާ ފުރިފައިވުމުން، ހުޅުމާލޭ ސަހަރާއަށް 17،255 އަކަފޫޓުގެ ބިން އިތުރުކޮށް، މައްޗަންގޮޅި އާ ސަހަރާގައި ވެސް އިތުރު މީހުން ވަޅުލެވޭ ގޮތަށް ޖާގަ ފުޅާކުރެވިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކޮމެންޓު ފޮނުވާ