އޯވާޑްރޯ އިތުރު ކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ދިޔަނުދީ މަޖިލިސް ރައީސް މޭޒުކޮޅު މަތީގައި!

އޯވާޑްރޯ އިތުރު ކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ދިޔަނުދީ މަޖިލިސް ރައީސް މޭޒުކޮޅު މަތީގައި!

Author
ހުސެއިން
20 އޭޕްރިލް 2021 07:53
0

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މަޖިލީހުން ދީފައިވާ މުއްދަތު ހަމަވާތީ އިތުރު އެއް އަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ހުށަހެޅުން، މާލިއްޔަތު ކޮމިޓީއަށް ދިޔަނުދީ މަޖިލިސް ރައީސް މޭޒުކޮޅުމަތީގައި ޕާކް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވިގޮތުގައި، ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ، ދައުލަތުގެ މާލިއްޔަތާ ގުޅޭ މައްސަލަތައް ދިރާސާ ކުރުމަށްޓަކާ ފޮނުއްވަން ޖެހިވަޑައިގަންނަވާނީ މާލިއްޔަތު ކޮމިޓީއަށެވެ.

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ދިގު މުއްދަތުން އަނބުރާ ދައްކާ ބޮންޑަކަށް ބަދަލުކުރަން ބޭނުންވާތީ އިތުރު އެއް އަހަރު ދިނުމަށް ފިނޭންސް މިނިސްޓްރީން އެދުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އިއްޔެގެ ޖަލްސާގަ އެވެ. އަދި ޖަލްސާގައި މި ހުށަހެޅުމާމެދު ބަހުސްކުރެއްވި އެމްޑިޕީގެ މެމްބަރުންގެ މެދުގައި މިމައްސަލާގައި ބޮޑެތި ޚިޔާލުތަފާތު ވުންތަކެއް ހުރިހަކަން ފާހަގަ ވެގެން ދިޔައެވެ.

މިގޮތުން މި ހުށަހެޅުމުގެ ބަހުސް މަރުހަލާގައި، އިތުރަށް ބަހުސް ކުރުމުގައި ވަގުތު ހޭދަނުކޮށް، ހުށަހެޅުން އަވަހަށް ފާސްކުރަން ޖެހޭކަމަށް ބައެއް މެމްބަރުން ވަކާލާތު ކުރެއްވި އިރު، އެމްޑިޕީއަށް ނިސްބަތްވާ އަނެއްބައި މެމްބަރުން ވަކާލާތު ކުރައްވާފައިވަނީ، މި ހުށަހެޅުއްވުން ރަގަޅަށް ދިރާސާ ކުރުމަށްފަހު މެނުވީ ފާސް ނުކުރުމަށެވެ.

އަދި ބަހުސް މަރުހަލާއަށްފަހު، ފިނޭންސް މިނިސްޓްރީގެ މި ހުށަހެޅުއްވުން ދިރާސާ ކުރެއްވުމަށް ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވިއެވެ.

ޚަބަރު އޮންލައިނާ ވާހަކަ ދެއްކެވި މަޖިލިސް މެމްބަރު ވިދާޅުވެފައިވަނީ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު، މި މައްސަލަ ދިރާސާ ކުރެއްވުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވަން ހުށަހަޅުއްވާފައި ވަނީ، އެގޮތަށް ރައީސް ނަޝީދު އޭނާގެ ގާތުގައި އެދިވަޑައި ގަތުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް، ހަސަން އަފީފުގެ މި ހުށަހެޅުއްވުމަށް ފްލޯރގައި ލިބިގެން ދިޔައީ އެންމެ 12 މެމްބަރުންގެ ތާއީދެވެ. މި ހުށަހެޅުން ފާސްކުރުމަށް ނުފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ. މި ބިލާ އެއްކޮޅަށް މަޖިލިސް ފްލޯގައި ވޯޓު ދެއްވާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ ޕީޖީ ގުރޫގައި ތިއްބެވި، މަޖިލިސް ރައީސްގެ އަރިސް ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.

މި މައްސަލައާއި ގުޅޭގޮތުން، ޚަބަރު އޮންލައިނަށް މަޢުލޫމާތު ދެއްވި މަޖިލިސް މެމްބަރު ވިދާޅުވެފައިވާ ގޮތުގައި، މަޖިލިހުގެ ސްޓޭންޑިން އޯޑަރ ހަމަޖެހިފައި އޮންނަ ގޮތުން، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ހުށަހެޅުއްވުން ފެއިލްވެގެން ދިއުމާއެކު، ދެން މިމައްސަލަ ދިރާސާ ކުރެއްވުމަށް، ފޮނުއްވުމަށް މަޖިލިސް ރައީސަށް ޖެހިވަޑައިގަންނަވާނީ މާލިއްޔަތު ކޮމިޓީއަށެވެ. ނުވަތަ، މިމައްސަލަ ދިރާސާ ކުރަންޖެހޭނީ މަޖުލީހުގެ 'ފުލް ހައުސް' ކޮމިޓީއަކަށް ގޮސްގެންނެވެ.

އެހެންނަމަވެސް، މަޖިލިސް ރައީސް ބޭނުންފުޅުވި ގޮތަށް، ޚާއްސަ ކޮމިޓީއެއް އުފައްދަވައިގެން، ފިނޭންސުން ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމުން، ރައީސްގެ މޭޒުކޮޅު މަތީގައި މައްސަލަ ޕާކް ކޮށްފައި އޮތީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށްވެސް ޚަބަރު އޮންލައިނާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވެފައި ވެއެވެ.

ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި، ޚާއްސަ ކޮމިޓީއެއް އުފައްދަވައިގެން، މިމައްސަލަ ދިރާސާ ކުރެއްވުމަށް މަޖިލިސް ރައީސް މަސައްކަތް ކުރެއްވީ، މިމައްސަލަ މާލިއްޔަތު ކޮމިޓީއަށް ދިޔަ ނުދިނުމުގެ މަގުސަދުގައެވެ. މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ.

މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވެފައިވަނީ، މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް މި މަހުގެ 26 ކުރިން ޖަވާބެއް ދިނުން މުހިއްމު ކަމަށެވެ.

އިތުރު އެއްއަހަރުގެ މުއްދަތަށް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާއުނިކޮށް ދަންމާލަން އެދިވަދައިގެން ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އަދިވެސް މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ. މިގޮތުން، އަދިވެސް، ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާހިރު
ނަޝީދު ހެދީ ރަނގަޅަށް. ކޮވިޑްގެ ނަމުގަ އަޅުވާފަ މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތަަކަށް އަމަލު ކުރަން އޭރު އުނދަގޫވިޔަސް މިހާރު އެހާލަތެއް ނެތް. އިގްތިސާދު ދަނީ މަޑުމަޑުން ރަނގަޅުވަމުން.. ދެން ކޯލިޝަން ނަމުގަ ސަރުކާރު ފަޅިފަޅި ކޮށްގެން ހިސާރުކޮށްގެން އުޅޭ ގުރޫޕަށް ދައުލަތުގެ މާލިއްޔާ ހިތުހުރި ގޮތަަކަށް ހަދަން ދޭނެކަމެއް ނެތް.. މީހުން ނަަޝީދު ދެކެ ރުޅިއަޔަސް ރަނގަޅަށް ވިސްނާލީމަ އިނގޭނެ ނަޝީދު ކަން ކުރަނީ މުސްތަގުބަލުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަން